އިންކުއަރީ ފުރިހަމަކުރެވޭވަރަށް މަޢޫލޫމާތު ލިބިއްޖެ: އަސްލަމް

އިންކުއަރީ ފުރިހަމަކުރެވޭވަރަށް މަޢޫލޫމާތު ލިބިއްޖެ: އަސްލަމް

Author
މުޙައްމަދު ޖިމީ
23 ޖޫން 2021 02:13
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީން ހަދަމުންދާ އިންކުއަރީ ފުރިހަމަކުރެވޭވަރަށް މަޢުލޫމާތު ލިބިފައިވާކަމަށް އެކޮމިޓީގެ މުޤައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

241 ކޮމިޓީން ހަދަމުންދާ ޕާލިމަންޓްރީ އިންކުއަރީއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އަސްލަމް ވިދާޅުވީ، އިންކުއަރީއަށް މިހާތަނަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ކަމާގުޅުހުންހުރި މުއައްސަސާތަކުގެ މަސްޢޫލުވެރިންކަމަށެވެ. އެގޮތުން ސިފައިންގެ އިސްވެރިން ހިމެނޭހެން ޖުމްލަ 32 އޮފިސަރަކާއި އިންކުއަރީގައި ސުވާލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ސިފައިންގެ އިސްވެރިން ހިމެނޭހެން ބައެއް އޮފިސަރުންނާއި ދެފަހަރަށް ސުވާލުކޮށްފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.އަދި ފުލުހުންގެ ޚިދުމަތުން ފަސް ފަރާތަކާއި، ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރު އަދި ޕްލޭންނިން މިނިސްޓަރާއި ގަވަރަނަރު ހިމެނޭހެން އެމްއެމްއޭގެ އިސްފަރާތްތަކާއި ބައްދަލުކޮށްފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމް ވަނީ ސަލާމަތީ ޚިދުމަތްތަކުގެ އިތުރުން، ރައީސް ނަޝީދަށް ދިން ހަމަލާއާގުޅިގެން އެމަނިކުފާނަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއިވެސް ބައްދަލުކުރިކަމަށް ވިދާޅުވެފައެވެ. އަދި މިމައްސަލައިގެ ތަޙުޤީގު ހިނގާ ނުހިނގާގޮތް ބެލުމަށް ރައީސުލްޖުމްހޫރިިއްޔާ ޚާއްސަ މަންދޫބް، އައްބާސް ފާއިޒްއާ ކޮމިޓީން މިއަދު ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އިންކުއަރީއަށް މިހާތަނަށް ޖުމަލް 49 ފަރާތަކާއި ކޮމިޓީންވަނީ ބައްދަލުކޮށްފައިވާކަމަށާއި، އެކޮމިޓީގެ  79 ބައްދަލުވުން ވަނީ ބާއްވާފައިވާކަމަސެވެ. އެކަމަށް 147 ގަޑިއުރު ހޭދަވިކަމަށާއި، އިންކުއަރީ ގެ މަސައްކަތް ކުރިން ނިންމާލަން ކަނޑައެޅީ މިމަހުގެ 23 އަށް ނަމަވެސް އިތުރު ހަފްތާއެއް ރިޕޯޓު ނިންމާލަން ހޭދަވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލިހުން ހަދަމުންދާ ޕާލިމަންޓްރީ އިންކުއަރީއަށް މުހިއްމު ގިނަ މަޢުލޫމާތުތަކެއް ލިބިފައިވާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، އޭގެތެރޭގައި ޤައުމީ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުހުންހުރި މައުލޫމާތެއްވާނަމަ އެކަން ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި ހިއްސާކުރުމަށް މަޝްވަރާކުރަމުންދާކަމަށެވެ.

މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް އެމްއެންޑީއެފް އިން މަޢޫލޫމާތު ފޯރުކޮށްދިނުމަށް ވަކިވަކި ސިފައިން ޙާޒިރުކުރުމަށް ދެކޮޅު ހެދިއެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުމާއި މަޖިލީހުގެ ޕްރެޝަރާހެދި ވަކިވަކި ސިފައިންވެސް މަޖިލީހަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.