މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ފުރުސަތު ދިނުމަށް އެޗްޕީއޭއަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ގޮވާލައިފިއެވެ.
ކޯވިޑް-19ގައި ހާލަތު ގޯސްވެ، ގްރޭޓަރ މާލޭ ސަރަޙައްދުގެ މިސްކިތްތައް ބަންދުކުރުމަށް އެޗްޕީއޭގެ އެންގުމުގެ ދަށުން އިސްލާމިކް މިނިސްޓްރީން ނިންމައިފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން ވަނީ މިސްކިތްތައް ހުޅުވާލައި، ނަމާދު ކުރެވޭނެ ފުރުސަތު ހުޅުވާލާފައެވެ.
ކޯވިޑްގެ ހާލަތު ގޯސްވެ މިދިޔަ މަހަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި މަހެވެ. ނަމަވެސް މިހާރު މަޑުމަޑުން ކޯވިޑްގެ ކޭސްތައް ދަށްވެ، ކޯވިޑްގެ ނުރައްކާތެރިކަން މާލެ ސަރަހައްދުގައި ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ. މިހާލަތުގައި ޖަމާއަތުގައި އަލުން ނަމާދު ކުރުމުގެ ފުރުސަތު އެޗްޕީއޭއިން ދޭންޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ.
މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ފުރުސަތު ދިނުމަށް އެޗްޕީއޭ އަށް ގޮވާލަން! ޕޮޒިޓިވްވާ ރޭޓް ވަރަށް ބޮޑަށް ދަށްވެފައިވާ މިދަނޑިވަޅު، ރަސްމީ ޖަމާއަތް، ނެތުމުން މިސްކިތްތަކުގައި ވަރަށް ބޮޑެތި ނޭދެވޭ އަމަލުތައް ހިންގާތަން އެބަފެނޭ! މީ ވަރަށް ކަންބޮޑުވާކަމެއް! އަވަސް ހައްލެއް ބޭނުންވޭ.
– އަލީ ޒައިދު ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބާލާއިރު ވޭތުވެދިޔަ 24ގަޑިއިރު މިބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 66 މީހުންނެވެ. ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން އަންނަނީ 4569 މީހުންނެވެ. މިދިޔަ މަހުގެ މެދުތެރޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދު އުޅުނީ 24،000އިން މަތީގައެވެ.
ނަމަވެސް ޖޫން މަހު މި ޢަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 39 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވުމާއެކު، މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.
ކޮމެންޓު ފޮނުވާ