ލާއިންސާނީ ޢަމަލުތައް ހިނގަނީ ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެ، ފަރުވާ ކުޑަ ކުރެވޭތީ: ޕީޕީއެމް

ލާއިންސާނީ ޢަމަލުތައް ހިނގަނީ ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެ، ފަރުވާ ކުޑަ ކުރެވޭތީ: ޕީޕީއެމް

Author
ޢަލީ އާދަމް
22 ޖޫން 2021 09:58
0

ބިރުވެރި ލާއިންސާނީ ޢަމަލުތައް ހިނގުމަށް މެދުވެރިވަނީ ދައުލަތުގެ އެންމެ އިސް ވެރިޔާ އާއި ހިސާބުން ފެށިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކުން އުފުލަން ޖެހޭ ޒިންމާތަކަށް އިހުމާލުވެ، ފަރުވާ ކުޑަ ކުރެވޭތީ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފި އެވެ.

13 އަހަރުގެ ކުޑަ ކުއްޖަކު ރަހީނު ކުރުމަށް ފަހު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލަ ކުއްވެރިކޮށް ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަނިޔާވެރި އަދި ލާއިންސާނީ ޢަމަލު ހިންގި ފަރާތްތަކުން މިޢަމަލު ހިންގާފައިވާ ސަބަބާއި، އެ ކުއްޖާ ގެއްލިގެން ރިޕޯޓް ކުރުމާއެކު، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި އެޕާޓީން ދެކޭކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކުރެވިފައިވާ ޒިންމާއެއް ކަމަށް ވީހިނދު، ޤައުމުގައި ހިނގާ މިފަދަ ބިރުވެރި ލާއިންސާނީ ޢަމަލުތައް ހިނގުމަށް މެދުވެރިވަމުން މިދަނީ ދައުލަތުގެ އެންމެ އިސް ވެރިޔާ އާއި ހިސާބުން ފެށިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކުން އުފުލަން ޖެހޭ ޒިންމާތަކަށް އިހުމާލުވެ، ފަރުވާ ކުޑަ ކުރެވޭތީ ކަމުގައި އެޕާޓީން ދެކޭ ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ރައީސުލްޖުމްހޫރިއްޔާއާއި، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ޒިންމާ އިން ރެކުމަށް އިތުރު ބަހަނާތައް ދެއްކުމެއް ނެތި، މިފަދަ ކަންކަމަށް ދެވޭ ސަމާލުކަން އިތުރުކޮށް، މި އަނިޔާވެރި ޢަމަލު ހިންގުމުގައި ބައިވެރިވި އެންމެން ހޯދާ އެ ފަރާތްތަކަށް ޙައްޤު އަދަބު ދިނުން އަވަސް ކުރުމަށް ގޮވާލަން"

– ޕީޕީއެމް

މި އަނިޔާވެރި އަމަލުގެ ފަހަތުގައި ވާ ހުރިހާ ކަމެއްގެ ޙަޤީޤަތް ހޯދާ، ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މިވަގުތު އެ ކުޑަ ކުއްޖާގެ ޢާއިލާއަށް ނަފްސާނީ ގޮތުން ކުރިމަތިވަމުންއަންނަ އުނދަގޫ ތަކަށް ފަރުވާ ދިނުން އަވަސް ކުރުމަށްވެސް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް 13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.