މަޖިލިސް ރައީސަށް ގަނޑުވަރާއި ގެންގުޅޭ މީހުން ދައުލަތުން ހަމަޖެއްސުމަކީ ބަރުލަމާނީ ސިފައެއް

މަޖިލިސް ރައީސަށް ގަނޑުވަރާއި ގެންގުޅޭ މީހުން ދައުލަތުން ހަމަޖެއްސުމަކީ ބަރުލަމާނީ ސިފައެއް

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2021 11:00
0

މަޖިލިސް ރައީސަށް ގަނޑުވަރާއި ގެންގުޅޭ މީހުން ދައުލަތުން ހަމަޖެއްސުމަކީ ބަރުލަމާނީ ސިފައެއް ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ސަރުކާރުން ހުށައެޅިގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެވަނީ ފާސްކޮށްފައެވެ. މަޖިލީހުން ފާސްކޮށްފައިވާ މި ނިންމުމާއި ގުޅިގެން މަލީހު ވިދާޅުވީ ރިޔާސީ ނިޒާމުގައި މަޖިލިސް ރައީސަށް ގަނޑުވަރު ހަދައިދީ މުވައްޒިފުން ކަނޑައެޅުމަކީ ރިޔާސީ ނިޒާމުގެ ސިފަތަކާއި ޚިލާފް ކަމެއްކަމަށެވެ.

މަޖިލިސް ރައީސަށް ގަނޑުވަރާއި ގެންގުޅޭ މީހުން ދައުލަތުން ހަމަޖެއްސުމަކީ ބަރުލަމާނީ ސިފައެއް އެއީ މިހާރު ޢަމަލު ކުރަމުންދާ ރިޔާސީ ނިޒާމުގެ ޤާނޫނު އަސާސީގެ ރޫހާއި ޚިލާފުކަމެއް. މަޖިލިސް މެމްބަރުންނަށް ލިބޭ ލިވިންގ އެލަވަންސްއިން ހަމަޖެއްސެންވާނެ. ބަންޑާރަ ކަފަ އަމިއްލަ ބާލީހަށް.

– މަލީހު ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ އާއިލާގެ ގޮތުގައި ހިމަނައިފައި ވަނީ ރައީސާއެކު ދިރިއުޅޭ އަނބިމީހާ ނުވަތަ ފިރިމީހާ އާއި ދަރިންގެ އިތުރުން މަންމަ އާއި ބައްޕައެވެ. ނަމަވެސް ދަރިންގެ ތެރޭގައި 18 އަހަރު ނުފުރޭ ދަރިންނާއި 18 އަހަރު ފުރުނަސް ކައިވެނި ނުކޮށް ތިބޭ ދަރިިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިން ވެސް ހިމެނޭގޮތަށް މަޖިލީހުގެ ރައީސަށް ކަނޑައަޅާ ގެކޮޅުގައި ދިރިއުޅެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ދިއރިއުޅުއްވަން ރަސްމީ ގެކޮޅެއް ކަނޑައެޅުވުމަށް ސަރުކާރުން ވަކިވަކިން ހުށައެޅުއްވި ދެބިލުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށެވެ. އަދި އެދެބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވައި ތަނަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައި ވާންވާނެކަމަށްވެސް ވަނީ ބުނެފައެވެ.

މިދެ ގެކޮޅުގެވެސް ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންކަމަށް ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންކަމަށާއި، އުއްތަމަ ފަނޑިޔާރުގެ ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސްޕްރީމް ކޯޓުންކަމަށްވެސަ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންގުވުމަށް އުއްތަމަ ފަނޑިޔާރު އެކުލަވާލެއްވި މިބިލަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމެވި ނިންވުމެކެވެ.

ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ އެމަނިކުފާނުގެ ދިރިއުޅުއްވާ ގެކޮޅު ކެނެރީގެ ހުންނަ ގޯޅިއަށް ރަސްމީ ކާރުކޮޅު ނުވެއްދޭތީ އެކަމުގެ ކަނބޮޑުވުން ސަލާމަތީ ބާރުތަކުން ފާހަގަ ކޮށްފައިވަނިކޮށެވެ. އަދި އެ ގޯޅީގައި ޕާކުނުކުރޭވެ އިންތިޒާމު ހަމަޖައްސާދޭން އެދިފައިވަނިކޮށް ކަމަށްވެސް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ. މި ހަމަލާއަށް ފަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ހަނި ގޯޅީގައި ޕާކުނުކުރެވޭ ގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.