ގުޅީފަޅު މަޝްވަރާތައް އަވަސްކޮށްދެއްވަން ރައީސަށް ސިޓީއަކުން ދަންނަވައިފިން: މުޢިއްޒު

ގުޅީފަޅު މަޝްވަރާތައް އަވަސްކޮށްދެއްވަން ރައީސަށް ސިޓީއަކުން ދަންނަވައިފިން: މުޢިއްޒު

Author
ޢަލީ އާދަމް
22 ޖޫން 2021 05:17
0

މާލެ ސިޓީގެ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ގުޅީފަޅަކީ ބޯހިޔާވަހިކަމަށް ޚާއްޞަ ތަނަކަށް ހެދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއިއެކު ކުރަންޖެހޭ މަޝްވަރާތައް ކުރިއަށް ނުދާތީ، އެކަން އަވަސްކޮށްދެއްވުން އެދި ރައީސުލްޖުމްޖޫރިއްޔާއަށް ސިޓީއަކުން ދަންވާފައި ވާކަމަށް މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ ގުޅީފަޅުގެ ތަރައްޤީގެ ޕްލޭން މުރާޖަޢާ ކުރަން ސިޓީކައުންސިލްވެސް ހިމެނޭހެން ކަމާގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާތައް ބާއްވާނެކަމަށް ރައީސް ވިދާޅުވިފަހުން 4 ހަފްތާވާން ގާތްވެފައި ވާކަމަށެވެ. ނަމަވެސް މިހާދުވަސް ފާއިތުވި އިރުވެސް އެކަން ނުވާތީ އެކަން އަވަސްކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއަކުން ދަންނަވާފައި ވާނެ ކަމަށް މުޢިއްޒު ވިދާޅުވި އެވެ.

ގުޅީފަޅަކީ މާލެ ސިޓީގެ ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް އޮތް ތަނަވަސް ތަނުގެ ގޮތުގައި މާލެ ސިޓީގެ ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. ނަމަވެސް މިސަރުކާރުން ނިންމާފައިވަނީ އެތަނުގައި ވިޔަފާރި ބަނދަރު އެޅުމަށެވެ.

މެއި މަހުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ބޭއްވެވި ބައްދަލުވުމުގައި މުއިއްޒު ވަނީ ސަރުކާރުގެ ޕްލޭން ބަދަލުކޮށްދެއްވައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސާ ބައްދަލުކުރެއްވުމަށްފަހު ޑރ.މުޢިއްޒު ވިދާޅުވީ ގުޅީފަޅުގައި ޕޯޓް އެޅުމަށް އެގްރިމަންޓް ހެދިފައިވުމާއެކު، އެ ޕްލޭނަށް ބަދަލު ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންގެ ހައްގުގައި އެތަން ގެދޮރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް އެދޭކަމަށް ދެންނެވިކަމަށް މުޢިއްޒު ވިދާޅުވިއެވެ. ގުޅީފަޅުގެ ފައިނަލް ޕްލޭނަށް ބަދަލު ގެނައުމަށް މަޝްވަރާކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ދަންނަވާނެކަމަށާއި، އެގޮތަށް މަސައްކަތްކުރައްވާއިރު މާލެ ސިޓީ ކައުންސިލްވެސް ބައިވެރިކޮށް އެކަންކަމަށް ރިޔާއަތްކުރައްވާނެކަމަށް ރައީސް އެދުވަހު ވިދާޅުވެފައި ވާކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މުޢިއްޒު ވިދާޅުވީ ގުޅީފަޅުން ފަސް ހާހެއްހާ ގޯތި ދޫކުރެވޭނެކަމަށެވެ. އެހެންކަމުން ގުޅީފަޅަކީ ގެދޮރުވެރިިކަމުގެ މަންޒިލަކަށް ބަދަލުކޮށް ތިލަފުށި ޕޯޓަށް ބަދަލުވާނެކަމުގެ އުއްމީދު އެބައޮތްކަމަށް މުޢިއްޒު ވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.