ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި މަސްބޯޓު ފެނިފައިވަނީ ލ.އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުން "ސީލައިން-03″ ނަމަކަށްކިޔާ ދޯންޏަށެވެ. މި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 15:21 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަދި މި ބޯޓު ހޯދުމަށް ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި، ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ބޯޓު ގެނެވިފައިވަނީ، ލ.އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. ކޯސްޓްގާޑްގެ ބެލުމުގެދަށަށް ބޯޓު ގެނެވުނު އިރު ބޯޓުގައި ފަސް ފަޅުވެރިން ތިބިކަމަށް އެމްއެންޑީއެފުން ހާމަކުރިނަމަވެސް އެމީހުން ނިސްބަތްވާ ގައުމެއް އަދި ބޯޓު ނިސްބަތްވާ ގައުމެއްވެސް ހާމަކޮށްފައެއް ނުވެއެވެ،
ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށުން އެބޯޓު ލ. އަތޮޅަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ