މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައި ރައީސް ޔާމިންގެ ނުފޫޒެއް ނެތް: ޕީޕީއެމް

މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައި ރައީސް ޔާމިންގެ ނުފޫޒެއް ނެތް: ޕީޕީއެމް

Author
ޢަލީ އާދަމް
21 ޖޫން 2021 10:37
0

މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައިވެސް ޕާޓީން ޢަމަލުކޮށްފައިވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އެއްގޮތް ވާގޮތުގެ މަތިން ކަމަށާއި އެކަމުގައި ކުރީގެ ރާއީސް އަބްދުﷲ ޔާމިންގެ ނުފޫޒު ނެތް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން ބުނެފި އެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްގައި އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ވީޑިއޯ ކޮންފަރަންސް ތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމާއި، ލީޑަރޝިޕް އަދި ކައުންސިލް ގްރޫޕް ތަކުގައި ވާހަކަފުޅު ދައްކަވާ ކަމަށް ބުނެ ޝާޢިއުކޮށްފައިވާ ހަބަރަކާ ގުޅޭގޮތުން ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވާނީ ޕާޓީގެ އެފަދަ އެއްވެސް ޙަރަކާތެއްގައި މިހާތަނަށް ރައީސް ޔާމިން ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެއްވެސް ބޭފުޅަކަށް ނުފޫޒު ފޯރުވައިގެން ކަމެއް ޙާސިލު ކުރައްވަން މަސައްކަތް ކުރައްވާފައި ނުވާކަންވެސް ޕީޕީއެމުން ބުނެއެވެ.

"މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައިވެސް ޕާޓީން ޢަމަލުކޮށްފައިވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އެއްގޮތް ވާގޮތުގެ މަތިންނެވެ. އަދި މިކަމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކޮށް ޕާޓީގެ ފަރާތުން 2021 މެއި 16 ގައި ޢާންމުކޮށް ނެރެފައިވާ ސަރކިއުލާ އާ އެއްގޮތަށްކަމުގައިވެސް ދެންނެވީމެވެ"

– ޕީޕީއެމް

ރާއީސް ޔާމިނާއި ގުޅޭގޮތުން ފަތުރާފައިވާ މި ޚަބަރަކީ ނޫސްވެރިކަމުގެ އުސޫލުތަކާއި އަޚްލާޤީ މިންގަނޑުތަކުގެ ބޭރުން އަދި ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްގެ މައްޗަށް އުފަން ކުރުވާފައިވާ ދޮގު ޚަބަރެއް ކަމަށާއި ކަމާގުޅޭ އިދާރާތަކުން އެކަން ބަލައި ފިޔަވަޅު އެޅުމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މިފަދަ ޚަބަރެއް އޮންލައިން މީޑިއާއެއްގައި ޝާޢިއުކޮށްފައި ވާއިރު ރައީސް ޔާމިން ގެންދަވަނީ މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ނެވެ. ނަމަވެސް މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިއުމުގެ ސަބަބުން އޭޕްރީލް 29 ވަނަ ދުވަހުން ފެށިގެން ރައީސްޔާމިން ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފަ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ޕީޕީއެމްގެ ފަރާތުން ނެރެ އިންތިޚާބުކޮށްފައި ވަނީ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޙްމަދު ނަރީޝް އެވެ. ނަރީޝްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ވަނީ ޕީޕީއެމްގެ ތެރެއިން މި މަޤާމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.