ކޮއްކޯފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދުބާއީއަށް ފުރައިވަޑައިގެންފި

ކޮއްކޯފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދުބާއީއަށް ފުރައިވަޑައިގެންފި

Author
މުޙައްމަދު ޖިމީ
21 ޖޫން 2021 02:38
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ނުރަސްމީ ދަތުރުފުޅެއްގައ ރައީސް ދުބާއީއަށް ފުރައިވަޑައިގެންފައިމިވަނީ، މިއަދު އަވަހާރަވި އެމަނިކުފާނުގެ ކޮއްކޯފުޅު އަޙްމަދު މުޙައްމަދު ޞާލިޙްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ރައީސްގެ އިތުރުން އާއިލާގެ އިތުރު ބޭފުޅުންވެސް ދުބާއީއަށް ވަޑައިގަންނަވާނެއެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޢާއިލާގައި ދައުލަތުގެ އެކި ޢިދާރާތަކުގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އާދާކުރައްވާ ބޭފުޅުންނާއި ކީރިތި ޤުރުއާން ހިތުދަސް ހާފިޒުންވެސް ހިމެނޭހެން ޖުމަލް 12 ބޭފުޅުން ތިއްބަވައެވެ. ހާފިޒުންގެ ގޮތުގައި 3 ބޭފުޅުން ތިއްބަވައެވެ.

ރައީސްގެ އާއިލާގައި ހިމެނިވަޑައިގަންނަވާ 3 ހާފިޒުންނަކީވެސް ލޯފަން ބޭފުޅުންނެވެ. އެ ތިން ބޭފުޅުންނަކީ މޫސާ މުޙައްމަދު ޞާލިޙާއި އަބްދުﷲ ޝާޒްލީއާއި ހުސެއިން ޝަޔާޒެވެ. އަވަހާރެވި އަހްމަދު މުޙައްމަދު ޞާލިޙް ވަނީ ހާފިޒުކަމުގެ ކޯސް ކުރިޔަށް ގެންދަވާފައެވެ. އެހެންނަމަވެސް ދިމާވި ސިއްހީ ސަބަބުތަކަށްޓަކައި ވަކި ހިސާބަކުން ވަނީ ކިޔެވުން މަޑުޖައްސާލާފައެވެ. އަޙްމަދު މުޙައްމަދު ޞާލިޙަކީވެސް ލޯފަން ބޭފުޅެކެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން އަޙްމަދު މުޙައްމަދު ޞާލިޙަށް ކެންސަރު ޖެހިވަޑާއިގެންފައިވާކަން އެނގުނީ ދާދިފަހުންކަމަށާއި ދުބާއީގައި ހުންނެވީ ބައްޔަށް ފަރުވާ ހޯދެއްވުމަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދުބާއީއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 23 ޖޫން ވާ ބުދަ ދުވަހުކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.