ރާއްޖޭގެ ބިމާއި، ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ މިއަދު ބޮޑެތި ޤައުމުތަކުން ތަޅާފޮޅާ މައިދާނަކަށް ހަދާފައިވާކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި އެމެރިކާއިން ހަދާފައިވާ އަސްކަރީ އެއްބަސްވުމުގެ ސަބަބުން ދިވެހި ސިފައިންނަށް ފައިދާވާނެ ކަމުގައި ރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އެލީ ޓެޕްލީޒް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ޑރ.ޚަލީލް ވިދާޅުވީ އެއްބަސްވުންތަކަކުން ފައިދާވީނަމަވެސް މިކަމުގެ ނުރައްކާ ރާއްޖެއަށް މިއަދު ބޮޑުވެފައިވާކަމަށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ގޮތުގައި ބެލެވޭ އެމެރިކާއާއި، ޗައިނާއާއި، އިންޑިޔާއިން ދުނިޔޭގެ ބާރުވެރިކަން ނެގުމަށް ކުރަމުންދާ ހަނގުރާމާގައި ރާއްޖެ މެދުވެރިއަކަށް ވަމުންދާކަމީ ކަންބޮޑުވާކަމެއްކަމަށް ޚަލީލް ވިދާޅުވިއެވެ.
ރާއްޖެ އޮތް ސަރަހައްދުގެ ގޮތުންނާއި، ރާއްޖެ ހިމެނޭ ސަރަހައްދަށް ބަލާއިރު މިސަރަހައްދަކީ މުހުރިހާ ޤައުމަކުންވެސް އެންމެބޮޑަށް ބާރުވެރިކަން ހޯދަން ބޭނުންވާ ސަރަހައްދުކަމަށް ޚަލީލް ވިދާޅުވިއެވެ. މިއަދު މިކަމުގެ ސަބަބުން މިޤައުުގެ ފަސްގަނޑާއި، ކަނޑުގެ ސަރަހައްދަކީ ހަނގުރާމައިގެ މައިދާނަކަށްވެ ރައްޔިތުން ނުރަކަލަށް ހުށަހެޅެމުންދާކަމަށް ޚަލީލް ވިދާޅުވިއެވެ.
ރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދަކީ ބޮޑެތި ޤައުމުތަކުން ތަޅާފޮޅާ މައިދާނަކަށް މިސަރުކާރުން ހަދާ ރައްޔިތުން ނުރައްކަލަށް ހުށަހަޅައިފި. ވެރިކަމުގެ ދަހިވެތިކަމުގައި ހަދަމުންސާ ސިއްރު އެއްބަސްވުންތަކުން ނިކަމެތިވަނީ ރައްޔިތުން. ވެރިކަން ވެއްޓުމުން މިވެރިން އަރާމުގައި ދިރިއުޅެން ޤައުމުންބޭރަށް.
– ޑރ.އަބްދުﷲ ޚަލީލް
ޑރ.ޚަލީލް މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕެއޯ އަންނަ ބުދަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޚާރިޖީ ވަޒީރާއި ދެބޭފުޅުންގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. މިވާހަކަތަކުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ހާލަތާއި ގުޅޭގޮތުންނާއި އެބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ޕޮމްޕެއޯ ރާއްޖެއާ ސްރީލަންކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކަށް ފަހުގައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ދެޤައުމުގެދެމެދުގައި އެކި ދާއިރާތަކުން ވަނީ ގުޅުން ބަދަހިކުރެވިފައެވެ.
ކޮމެންޓު ފޮނުވާ