ހިޔާ މަޝްރޫޢުގެ އެކި ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ފްލެޓް ނަންބަރު ކަނޑައެޅުމަށް ކުރިއަށްގެންދާ ގުރުއަތުލުން ފަސްކުރުމަށްފަހު އަލުން ފަށަން ނިންމައިފިއެވެ.ޔާ މަޝްރޫޢުގެ ގުރުއަތު ނެގުން ފަސްކޮށްފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އަޅާފައިވާ ފިޔަވަޅުތަކާގުޅިގެންކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ބުނީ، އަލުން ގުރުއަތު ނެގުން ފަށާނީ މިއަދު މެންދުރުފަހު 1:00ގައިކަމަށެވެ. މިއަދު ގުރުއަތު ނަގާނެ މީހުންގެ ލިސްޓް މިހާރު އެޗްޑީސީގެ ވެބްސައިޓްގައި ޢާންމުޮށްފައިވާއިރު، 514 މީހެއްގެ ގުރުއަތުނެގުން މިއަދު ކުރިއަށްގެންދާނެއެވެ.
ޕްލޭނިން މިނިސްޓްރީން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ހިޔާ ފްލެޓަށް ހޮވުނު ބައެއް މީހުންގެ ނަންތައް ގުރުއަތުނެގުމަށް އެޗް.ޑީ.ސީއަށް އަދި ލިބިފައިނުވާކަމަށް އެ ކޯޕަރޭޝަނުން މީގެކުރިން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ،، މިހާތަނަށް ހައުސިންގ މިނިސްޓްރީން ފޮނުވި ލިސްޓުގައި ހިމެނެނީ 5603 މީހުންގެ ނަންކަމަށެވެ. މި ހުރިހާ މީހުންގެ ގުރުއަތު ނެގުންވެސް މިހާރުވަނީ ނިމިފައެވެ. ބައެއް ފަރާތްތަކުގެ ނަންތައް އެޗްޑީސީއަށް މިހާތަނަށް ލިބިފައި ނުވަނީ، ޕްލޭނިންގ މިނިސްޓްރީން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން 1،117 މީހުންގެ ލިސްޓު އެޗްޑީސީއަށް އަދި ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފައިނަލް ކުރެވިފައިވާ އިތުރު ފަރާތްތަކުގެ މަޢުލޫމާތު ޕްލޭނިންގ މިނިސްޓްރީން މިހާރު އެކޯޕަރޭޝަނާއި ހިއްސާކޮށްފައިވާކަމަށް އެޗް.ޑީ.ސީން ވަނީ ހާމަކުރައްވާފައެވެ.
ހިޔާ ހައުސިން މަޝްރޫޢުގައި ޖުމްލަ 6720 ހައުސިންގ ޔުނިޓް ހިމެނެއެވެ. މީގެތެރޭގައި ވާދަވެރިކޮން ހޮވާ ކެޓަގަރީތަކުގެ އިތުރަށް، މީގެކުރިން އެކި ޕްރޮޖެކްޓްތަކުން ހައުސިންގ ޔުނިޓަށް ހޮވި ފްލެޓް ލިބިފައި ނުވާ މީހުން ހިމެނެއެވެ.
އެޗްޑީސީން ބުނީ، މިހާތަނަށް ނުލިބިވާ ނަންތަކުގެ ތެރޭގަ ބައެއް އެހެން ކެޓަގަރީގައި ހިމެނޭ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ލިސްޓު ހިމެނޭކަމަށެވެ. އަދި ދާއިމީ ލިސްޓު އާއްމުކުރި ނަމަވެސް، ބައެއް މީހުންގެ މަޢުލޫމާތުތައް އިތުރަށް އޮޅުންފިލުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިންގ މިނިސްޓްރީންވެސް ވިދާޅުވެއެވެ. އަދި މީގެއިތުރަށް ފަންނީ ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ތެރެއިން، އެހެން މަޝްރޫޢަކުން ފްލެޓް ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސް ދީފައިވެއެވެ. މިއާއެކު ހިޔާ ލިސްޓަށް ބައެއް އުނިއިތުރު އައުމުގެ ފުރުޞަތު އެބައޮތެވެ.
ހިޔާ ފްލެޓްތަކުގެ އެގްރިމެންޓް އޮންނާނެގޮތާއި، ފައިސާ ދެއްކުމުގައި ގެންގުޅޭނެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީއާއި އެޗް.ޑީ.ސީ ގުޅިގެންއަންނަނީ ކުރަމުންނެވެ. ފްލެޓްތަކުގެ ވެރިފަރާތުން އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިން، އެގްރިމެންޓްގައި ހިމެނޭ ކަންކަމާއި ފައިސާ ދެއްކުމުގެ އުސޫލު އާއްމުކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ކޮމެންޓު ފޮނުވާ