އެސްޖީ އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ހޯދަންނުޖެހޭ އިސްލާހު އަނބުރާ ގެންގޮސްފި

އެސްޖީ އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ހޯދަންނުޖެހޭ އިސްލާހު އަނބުރާ ގެންގޮސްފި

Author
މުޙައްމަދު ޖިމީ
21 ޖޫން 2021 11:37
0

ލޯކަލް ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގައި ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށައެޅުއްވި އިޞްލާހުގެ ބިލު އަނބުރާ ގެންގޮސްފިއެވެ.

އަޙްމަދު ސައީދު ހުށައެޅުއްވި އިޞްލާހުގެ ބިލު އަނބުރާ ގެންދެވިކަން އިއުލާންކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މެންބަރު އަޙްމަދު ސަޢީދު އަމިއްލަ ހައިސިއްޔަތުން ހުށައެޅި ބިލު އަނބުރާ ގެންގޮސްފައިވާއިރު، ސަރުކާރުން ވަނީ އެ ބިލަށް ތަޢީދުނުކުރާކަން ހާމަކޮށްފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ ބޮޑެތި އިޞްލާހުތަކުގެ ތެރޭގައިވަނީ ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފަކީ ސެކްރެޓަރީ ޖެނެރަލުން ކަމަށް ބަޔާކޮށްފައެވެ. އަދި އެމަޤާމަށް މީހަކު އައްޔަންކުރަންވާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާރވިސް ކޮމިޝަނުން ކަމަށް މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުގައިވެއެވެ.

ނަމަވެސް ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސައީދު ލާމަރުކަޒީ ޤާނޫނަށް ހުށައެޅުއްވި އިޞްލާހުގައި ވަނީ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަންކުރަންވާނީ ސިވިލް ސާރވިސް ކޮމިޝަނުންކަމަށެވެ. އެ އިޞްލާހުގައި ކައުންސިލްގެ ލަފާ ހޯދަންޖެހުން ވަނީ އުނިކޮށްފައެވެ.

އެ އިޞްލާހު ހުށައެޅުއްވި މަޤްޞަދެއް ކަމަށް ބުނެފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު، ފާޅުކަންބޮޑު ގޮތެއްގައި ހުޅުވާލައި، އެކަށީގެންވާ، ހަމަހަމަ ފުރުޞަތު މުޖުތަމަޢުގެ ހުރިހާ ފަރާތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ޤާއިމުވެފައި އޮތުމާއި، ސިޔާސީ މަޞްލަޙަތުތަކުން އެކަހެރިވެފައިވާ، ވަކިފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ.

މެންބަރު އަޙްމަދު ސަޢީދު ވަނީ ސިވިލް ސާރވިސް ޤާނޫނަށްވެސް އިޞްލާހެއް ހުށައަޅާފައެވެ. އެގޮތުން ސެކްރެޓަރީ ޖެނެރަލް އައްޔަންކުރަންވާނީ ސިވިލް ސާރވިސް ކޮމިޝަނުން ކަމަށް ބުނާ ބައި ވަނީ އިޞްލާހެއްގެ ގޮތުގައި ހުށައަޅާފައެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވަނީ، މެންބަރު އަޙްމަދު ސަޢީދު ހުށައެޅުއްވި އިޞްލާހުގެ ބިލަކީ ސަރުކާރުން ހުށައެޅި ބިލެއް ނޫން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.