ޤައުމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ، ވަލުދޮރޯށިން ވެރިކަން ހޯދަން ނަޝީދު އުޅުން: އަލްހާން

ޤައުމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ، ވަލުދޮރޯށިން ވެރިކަން ހޯދަން ނަޝީދު އުޅުން: އަލްހާން

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2021 10:23
0

މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ވަލުދޮރޯށިން ވެރިކަން ހޯދަން ރައީސް ނަޝީދު އުޅުއްވުން ކަމުގައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލަހްނާ ފަހުމީ ވިދާޅުވެއްޖެއެވެ.

މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަކީވެސް ބޮޑު ކޯލިޝަންގެ ތެރެއިން އުފެދިފައިވާ ވެރިކަމެކެވެ. ކޯލިޝަން އެކުލަވާލިއިރު ވަނީ ގިނަ އަހުދުތަކެއް ވެފައެވެ. އަލްހާން ވިދާޅުވީ ވެރިކަމަށް އައުމަށް ހެދޭ ކޯލިޝަންގައި ވެފައިވާ ވައުދުތައް އުވާލައި ކޯލިޝަންނާއި އަމިއްލަ ޕާޓީ ބައިބައިކޮށްލުމަށް މަސައްކަތް ކުރަމުންދަނީ ރައީސް ނަޝީދު ކަމަށެވެ. ރައީސް ނަޝީދަކީ އަބަދުވެސް ވައުދުތަކާއި ޚިލާފްވެ ބަހާއި އަމަލު ދިމާނުވާ ބޭފުޅެއްކަމަށް އަލްހާން ވިދާޅުވިއެވެ.

މިއަދު ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އެކުގާ ގުޅިގެން ވެރިކަން ކުރަން ވަޢުދިވީ ސިޔާސީ ލީޑަރުންގެ ތެރެއިން ރ. ނަޝީދު، ވަޢުދާ އަޙުދު އުވާލާ، އަމިއްލަފުޅަށް ވަލު ދޮރޯށިން ބޮޑުވަޒީރުކަން ހޯއްދެވުމުގެ ދަހިވެތިކަމުގައި، ސަރުކާރާ ތޮޅި، ޕާޓީ ބައިބައިކުރާކަން!

– އަލްހާން ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި ވަނީ އެދިފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖެއްގައެވެ. ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ބޭނުންފުޅުކަމާއި، އަބަދުވެސް ތާޢީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށްކަން ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީގެ މި ވެރިކަމުގެ ފަސް އަހަރު ނުނިމެނީސް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާކަން، ރައީސްއަށާއި، ވަޒީރުންނަށް ރައީސް ނަޝީދު ހުށައެޅުއްވި މިއީ ފުރަތަމަ ފަހަރެވެ.

ރައީސް ނަޝިދު މީގެ ކުރިން ވަނީ ރާއްޖެއަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމްކަމަށާއި، ރާއްޖޭގެ މިހާރު އޮތް ނިޒާމް ބަދަލުކުރައްވާނީ ރައީސް ޞާލިޙާއި މަޝްވަރާކުރައްވައިގެންކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝިދު، ރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުެއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ މި މެސެޖާއި ގުޅޭގޮތުން ސަރުކާރުން އަދި ވަކިއެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

2019 ވަނަ އަހަރުގެ ތެރޭގައިރައީސް ނަޝީދު ދައުލަތުގެ މީޑިއާއަށް ދެއްވާފައިވަ އިންޓަރވިއުއެެއްގައި ވަނީ  ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރާ ނަމަ އެ ވާހަކަ އިސްވެ ދައްކަވަން ޖެހިވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ރައީސަށް އުނދަގޫފުޅުވާ ގޮތަށް އެކަން ކުރައްވަން އެމަނިކުފާނު ބޭނުންފުޅު ނުވާތީކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޑީޕީގެ ޚަބަރު ސިޓީގައި ރައީސް ނަޝީދު ލިޔުއްވާފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ދެ ވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމްކަމަށާއި، ކުރިއަށް އޮތް 10 އަހަރު އެމްޑީޕީއަށް، ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ވެސް އެއީ ކަަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރައްވާ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ރައީސް ޞާލިޙްގެ އަރިހުގައި ވިދާޅުވެފައިވެފައިވާއިރު، ރައީސް ނަޝދަށް ތާޢީދުކުރައްވާ އެމްޑީޕީގެ ބައެއް މެންބަރުން ގެންދަބަނީ ބަރުލަމާނީ ނިޒާމަށް ތާޢިދުކުރާކަން ސޯޝަލް މީޑިއާގައި ހާމަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.