އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
މިއަދު އެސްޓީއޯއިން ތެލުގެ އަގަށް ގެނައި ބަދަލާއިއެކު ޕެޓްރޯލް ލީޓަރަކުން 89 ލާރި ވަނީ ބޮޑުވެފައެވެ. އަދި ޑީސަލް ލީޓަރަކުން 93 ލާރި ވަނީ ބޮޑުވެފައެވެ. ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއިއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގުތަކަށްވެސް އެ ކުންފުނިން ދަނީ ބަދަލުގެންނަމުންނެވެ.
އެސްޓީއޯއިން ބުނީ ތެލުގެ އަގަށް ބަދަލުގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލާއިއެކު އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށްކަމަށެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.74 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 10.72 ލާރިއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 8.85 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 9.79 ލާރިއަށެވެ.
މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގެ އިތުރުން ސްޓެލްކޯ ކައިރީގައެވެ. އަދި މީގެއިތުރުން ހުޅުމާލޭގައިވެސް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުރެއެވެ. އަދި ދާދިފަހުން އެކުންފުނިން ވަނީ ފިއުލް ސްޓޭޝަނެއް ތިލަފުށީގައިވެސް ހުޅުވާފައެވެ.
ކޮމެންޓު ފޮނުވާ