އިންކުއަރީއަށް މައުލޫމާތު ހޯދުމަށް 241 ކޮމިޓީން ސިފައިންގެ މައި މަރުކަޒަށް

އިންކުއަރީއަށް މައުލޫމާތު ހޯދުމަށް 241 ކޮމިޓީން ސިފައިންގެ މައި މަރުކަޒަށް

Author
ޢަލީ އާދަމް
19 ޖޫން 2021 08:03
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ އަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކޮމިޓީގެ ބައެއް މެންބަރުން ސިފައިންގެ މައި މަރުކަޒަށް ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށްފަހު، ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބަލިކަށިވި ގޮތް ހޯދުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި ބަލަމުން ދަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

މި އިންކުއަރީއަށް ސިފައިންނާއި ފުލުހުންގެ އިތުރުން މިނިސްޓަރުންނާއި މަރުކަޒީ ބެންކުގެ އިސް ވެރިންވެސް މިހާރު ހާޒިރުކޮށް މަޢުލޫމާތު ނަގާފައި ވާއިރު، މިއަދު ހަވީރު 241 ކޮމިޓީގެ ތިން މެމްބަރުންކަމަށްވާ ކޮމިޓީގެ މުގައްރިރު މުޙައްމަދު އަސްލަމާއި ނައިބް މުގައްރިރު ހަސަން ލަތީފުގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވަނީ ސިފައިންގެ މައި އިދާރާއަށް ވަޑައިގެންފައެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ 241 ކޮމިޓީގެ މެންބަރުން ސިފައިންގެ މައި މަރުކަޒަށް ވަޑައިގަތީ އިންކުއަރީގެ ބޭނުމެއްގައި ކަމަށެވެ. ނަމަވެސް އިންކުއަރީ އަދި ނިމިފައި ނުވާތީ މަޖިލީހުގެ އިދާރާ އިން ވެސް އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ 6ވަނަ ދުވަހު ދިން ޓެރެރިސްޓް ޙަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބަލިކަށިވިގޮތް ދެނެގަތުމަށް މަޖިލީހުން ގެންދަނީ ތަހުޤީގެއް ނޫންކަމަށް، 241 ކޮމިޓީގެ މުގައްރިރުވަނީ ވިދާޅުވެފައެެވެ.

އެކޮމިޓީގެ މުގައްރިރު ވިދާޅުވީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާކަމަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށްދިން ޙަމަލާއާ ގުޅިގެން ސެކިއުރިޓީ ބަލިކަށިވި ގޮތް ދެނެގަތުމަށް ކުރިއަށްގެންދާ އިންކުއަރީއަށްފަހު މިފަދަ ޙަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަމަށް ބާރުއެޅުމާއި އެފަދައިން މަސައްކަތް ކުރެވޭނެ ގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް އަރުވާނެކަމަށް 241 ކޮމިޓީން ހާމަކުރައްވާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.