ލާދީނީ އޭ ކިޔައިގެން ގޮވަމުންދާ ގޮވުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސޮއިކުރަން ގޮވާލެއްވި ޕެޓިޝަނަކީ އުފެދުމުގައިވެސް ބާތިލް ޕެޓިޝަނެއް ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޮންލައިން ޕެޓިޝަނެއް ހިމަނުއްވައި ލާދީނީ އޭ ކިޔައިގެން ގޮވަމުންދާ ގޮވުން ނިމުމަކަށް ގެންނަން އެ ޕެޓިޝަންގައި ސޮއިކުރުމަށް އެދިފައެވެ.
މިކަމާގުޅިގެން ޝައިޚު އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަރަންޖީ ބަހުން އެ ހަދާ ޕެޓިޝަނަކީ 'ދޮންމީހުން' ލައިގެން ހަދާ ޕެޓިޝަނެއް ކަމަށެވެ. އަދި އެގޮތަށް ޕެޓިޝަނެއް އެލުލަވާލައް ޖެހިފައި އެވަނީ ރާއްޖޭގެ ރައްޔިތުންގެ ސަޕޯޓް ލާދީނީ ފިކުރަށް ނެތްކަން އެނގި ޔަގީން ވުމުން ކަމަށް ޒައިދު ވިދާޅުވިއެވެ.
ފަރަންޖީ ބަހުން އެ ހަދާ ޕެޓިޝަނަކީ 'ދޮންމީހުން' ލައިގެން ހަދާ ޕެޓިޝަނެއް! މުޅިން ބާޠިލް ޕެޓިޝަނެއް! މިހެން މިކަން ކުރަން މަޖުބޫރުވީ ރާއްޖޭގެ ރައްޔިތުންގެ ސަޕޯޓް ލާދީނީ ފިކުރަށް ނެތްކަން އެނގި ޔަގީން ވުމުން! ވީމާ އުފެދުމުގައިވެސް މި ޕެޓިޝަން ބާޠިލް!
— Ali Zaid (@alizaid1000) June 19, 2021
ލާދީނީ ގޮވާގޮތުން ހުއްޓުވުމަށް ޕެޓިޝަނެއް ތައްޔާރު ކުރަމުންދަނީ ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
އިލްމުވެރިންގެ ގުޅުމުން ރައީސަށް ހުށަހަޅާފައިވާ ޕެޓިޝަންގައި ބުނެފައިވަނީ ޤާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް އިތުރު އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ޢަމަލު ބަޔާކުރާ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރައިތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް ހުރަސް އެޅި ބަންދުވެގެން ދާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެޖަމްއިއްޔާއިން ބުނީ، މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވި ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެ ކަމުގެ ޔަގީންކަން ރައީސަށް ވެސް ދެވެން ނޯންނެ ކަމަށާއި އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ