މިސަރުކާރަށް އެމްއެމްޕީއާރުސީގެ ވައްކަން މިވީ އެންމެ ބޮޑު އެސެޓަށް ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި ޝާމިލުވާކަމަށްބުނާ މިސަރުކާރުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންގެ މައްސަލަތަކުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތާއި ގުޅިގެންނެވެ. ޖަމީލް ވިދާޅުވީ މިމައްސަލާގައި މިސަރުކާރުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުން ތިއްބެވީ މޯގޭޖް ވެފައިވާކަމަށެވެ. ސަރުކާރާއި ދެކޮޅަށް ނުވަތަ ސަރުކާރު ނުރުހޭ ގޮތަކަށް ބަސްބުނާ ކޮންމެ ފަހަރަކީ އެމީހަކަށް އެމްއެމްޕީއާރުސީގެ ދަޢުވާގެ ބިރު ބީމަތިވާ ފަހަރެއްކަމަށް ޖަމީލް ވިދާޅުވިއެވެ.
މިސަރުކާރަށް އެމްއެމްޕީއާރުސީގެ ވައްކަން މިވީ އެންމެ ބޮޑު އެސެޓަށް. މެންބަރުންނާއި ވަޒީރުން ތިބީ މޯގޭޖްވެފައި. ބަސްނާހާ ކޮންމެ ފަހަރަކު ޤާނޫނަށް ޑީފޯލްޓްވެ ދަޢުވާގެ ބިރު ބޯމަތިވޭ. ރައީސް ޞޯލިހަށް ކަށަވަރުކޮށް ގެނެސްދެވުނީ ބަދަލުހިފުން އެކަނި، އެތެރެއިންވެސް ބޭރުންވެސް.
– ޖަމީލް ވިދާޅުވިއެވެ.
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެތައް ބަޔަކަށް ލިބުނުކަމަށް ބުނެފައިވާއިރު، މިނިސްޓަރ މަހުލޫފްގެ މައްސަލަ ވަރަށް އިސްކަން ދެއްވައިގެން ބަލާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މިމައްސަލައަކީ ސިޔާސީ ކުލަޖެހިފައިވާ ވަކި މަޤްސަދެއްގައި އަވަސް އަރުވާލައިގެން ބަލަމުންދާ މައްސަލައެއްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންމެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މި މަހުގެ 9 ގައި އޭސީސީން ފޮނުވުމާ ގުޅިގެން މިހާރު ކުރިއަށް ގެންދަނީ “ޑިއުޓީ ޕްރޮސެކިއުޝަން” މަރުހަލާ ކަމަށެވެ. އެހެންވެ، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން، ބައެއް ކަންކަން ސާފުކޮށްދިނުމަށް އޭސީސީގައި މީގެ ކުރިން ވެސް އެދިފައިވާނެ ކަމަށެވެ. އެކަމަކު، އަދިވެސް އެ ކަންކަން ސާފުކޮށްދީފައި ނުވާތީ، އެ މައުލޫމާތުތައް ފޮނުވައި ދިނުމަށް ދެވަނަ ފަހަރަށް އެދުނީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ