އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން، ކަންކުރަން ނޭގެންޔާ އިސްތިއުފާދެއްވާ: މަހުލޫފް

އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން، ކަންކުރަން ނޭގެންޔާ އިސްތިއުފާދެއްވާ: މަހުލޫފް

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2021 11:23
0

ބޮޑެތި ގާނޫނީ މައްސަލަތައް ހުރުމާއި ގުޅިގެން މަހުލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ އަނބުރައި ޕީޖީ އޮފީހުން އޭސީސީއަށް ފޮނުވާލުމުން މިނިސްޓަރ މަހުލޫފްގެ ހޫނު ރައްދެއް އޭސީސީގެ ރައީސަށް ދެއްވައިފިއެވެ.

މިނިސްޓަރ މަހުލޫފް ދެންމެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާއަކީ އޭސީސީގެ ރައީސާ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫންކަމަށެވެ. މައްސަލަތައް އެތައް ދުވަހު ބެލުމަށްފަހު ފުރިހަމަ ނުކޮށް، ދައުވާ ކުރަން ފޮނުވުމަކީ އަމިއްލަ މީހާގެ ނާގާބިލް ކަމުގެ ސަބަބުން ދިމާވާ ކަންތައްކަމަށާއި، މިކަން މިގޮތަށް ކުރުމަށްވުރެއް އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުން މާ ރަނގަޅުވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

މައްސަލަ ފޮނުވަމުން ACC އިން ބޮޑު ބަޔާނެއް ނެރެފަ،އަނބުރާ ފޮނުވާލީމަ މިތިބެނީ ހަނު. ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން،ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ.

– މަހުލޫފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެތައް ބަޔަކަށް ލިބުނުކަމަށް ބުނެފައިވާއިރު، މިނިސްޓަރ މަހުލޫފްގެ މައްސަލަ ވަރަށް އިސްކަން ދެއްވައިގެން ބަލާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މިމައްސަލައަކީ ސިޔާސީ ކުލަޖެހިފައިވާ ވަކި މަޤްސަދެއްގައި އަވަސް އަރުވާލައިގެން ބަލަމުންދާ މައްސަލައެއްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންމެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މި މަހުގެ 9 ގައި އޭސީސީން ފޮނުވުމާ ގުޅިގެން މިހާރު ކުރިއަށް ގެންދަނީ “ޑިއުޓީ ޕްރޮސެކިއުޝަން” މަރުހަލާ ކަމަށެވެ. އެހެންވެ، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން، ބައެއް ކަންކަން ސާފުކޮށްދިނުމަށް އޭސީސީގައި މީގެ ކުރިން ވެސް އެދިފައިވާނެ ކަމަށެވެ. އެކަމަކު، އަދިވެސް އެ ކަންކަން ސާފުކޮށްދީފައި ނުވާތީ، އެ މައުލޫމާތުތައް ފޮނުވައި ދިނުމަށް ދެވަނަ ފަހަރަށް އެދުނީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަޚްލޫފަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އޭސީސީން ޕީޖީއޮފީހަށް ފޮނުވާފައިވަނީ ޖޫންމަހުގެ 9 ވަނަ ދުވަހުއެވެ.

މި މައްސަލައިގަ މަޚްލޫފުގެ މައްޗަށް ދެ ދަޢުވާއެއްކުރުމަށް ވަނީ ފޮނުވާފައެވެ. ފުރަތަމަ ދަޢުވާއަކީ މަަޚްލޫފް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން، އެސް.އީ.ޒެޑްގެ ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000 އެމެރިކާ ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވި ފައިސާގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ ދަށުން، ކުރާ ދައުވާއެކެވެ.

އަނެއް ދައުވާއަކީ މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން މީގެ ކުރިންވެސް މިނިސްޓަރ މަޚްލޫފް ގޭގައި މަޑުކުރުމަށް ރައީސް ވަނީ އަންގަވާފައެވެ. އެފަހަރު މިނިސްޓަރ މަޚުލޫފް މަސައްކަތަށް ނިކުމެވަޑައިގެންނެވީ ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭސީސީއާއި ފުލުހުންގެ ތަޙްޤީޤަށްފަހު، އެއްވެސް މައްސަލައެއް ނެތްކަން ހާމަކުރެއްވުމުން، ރަސްމީ މަސައްކަތަށް އަނބުރާ ނުކުންނެވުމަށް ރައީސް އެންގެވުމުންނެވެ.

މަޚްލޫފްގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން 33،000 ޑޮލަރު ޖަމާކުރި މައްސަލައިގައި މަޚްލޫފް ވިދާޅުވެފައިވަނީ، އޭނާ އެކުންފުންޏާއެކު ހިންގާފައިވަނީ އާއިލީ ވިޔަފާރިއަކަށް ބޭނުންވާ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށެވެ. އަދި މިކަމާބެހޭ ލިޔެކިއުންތައްވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޢާންމުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.