އިންތިޤާލީ އިންސާފުގެ އޮފީހަށް މިހާތަނަށް 9 މައްސަލަ

އިންތިޤާލީ އިންސާފުގެ އޮފީހަށް މިހާތަނަށް 9 މައްސަލަ

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2021 10:57
0

އިންތިޤާލީ އިންސާފުގެ އޮފީހަށް މިހާތަނަށް 9 މައްސަލައެއް ހުށަހެޅާފައިވާކަމަށް އެއޮފީހުން ބުނެފިއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހަޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޯގަސްޓްމަހުގެ 13 ވަނަ ދުވަހެވެ.

މައްސަލަ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި މިވީ ކުރު މުއްދަތުގައިވެސް 9 މައްސަލައެއް ހުށަހަޅާފައިވާކަން އެެއޮފީހުން ބުނެއެވެ. ނަމަވެސް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފްސީލެއް އަދި އެއޮފީހުން ހާމަކޮށްފައިނުވެއެވެ. އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅާ މައްސަލަތަކާއިމެދު ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި ވަކި ގޮތެއް ނިންނުމަށް ވަނީ ހަމަޖެހިފައެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތަކީ 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ އޮފީހެކެވެ.

ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ އޮފީހަށް ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މާލީ ބަދަލުގެގޮތުގައި ބަލަނީ މީހާގެ ވަޒީފާއަށް ނުވަތަ ދެވިފައިވާ އަނިޔާއަކާއި ގުޅިގެން ސިއްޙީ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި އެނޫން ޚަރަދުތަކުގެ ބަދަލު ނަގައި ދިނުމަށެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުން ކުރާ މަސައްކަތްތަކާއި ތަހުޤީޤުތަކާ ގުޅޭރިޕޯޓް ކޮންމެ ތިން މަހަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވަންޖެހެއެވެ. އެރިޕޯޓްތައް ގެޒެޓްގައި ޝާއިއުކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި މިރިޕޯޓައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.