ނަފްރަތު ބިލަކީ ޝައިތާނާ ރުއްސަން ފަރުމާކޮށްފައިވާ ބިލެއް: ޑރ.އިޔާޒު

ނަފްރަތު ބިލަކީ ޝައިތާނާ ރުއްސަން ފަރުމާކޮށްފައިވާ ބިލެއް: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2021 10:13
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތު އުފެއްދުމުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ ޝައިތާނާ ރުއްސުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވެފައިވަނީ ޝައިޚު އަލީ ޒައިދު ކުރެއްވި ޓްވީޓަކަށް ތާއީދު ކުރައްވައި ކުރެއްވި ކޮމެންޓެއްގައެވެ. ޝައިޚު ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނަފްރަތު އުފެއްދުމުގެ ބިލުގެ ނަމުގައި މަޖިލީހަށް ވައްދާފައިވާ ބިލާއި ދެކޮޅަށް އަޑުއުފުލައި ވަކާލާތު ކުރުމުގައި އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެކަމަށެވެ. ހަރުކަށި ފިކުރަކީ ލާދިނީ ފިކުރު ބޮޑުވެ އެކަން އިންތިހާއަށް ދިއުމުން އުފެދޭ ފިކުރަކަށްވާއިރު، ލާދީނީ ކަންކަން ނުހުއްޓުވޭނަމަ ޤާނޫނު ހެދި ކަމުގައިވީނަމަވެސް މިކަމަށް ހައްލެއް އަންނަ ތަނެއް ނުފެންނާނެކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ހަރުކަށި، ފިކުރު ހުއްޓުވުމުގެ ނަމުގައި، ލާދީނީ ފިކުރު ކުރިއެރުވުމަށް ކުރެވޭ ކޮންމެ ކަމަކާއި އަޅުގަނޑުމެން ދެކޮޅު! އަދި މިކަމާއި ދެކޮޅަށް އަޑުއުފުލުމުގައި އިންޗިއެއްވެސް ފަހަތަށް ނުޖެހޭނަން. އިންޝާﷲ. ލާދީނީ ފިކުރާއިހެދި ހަރުކަށި ފިކުރު އުފެދެނީ! މިކަން އޮޅުވާ ނުލެވޭނެ.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

ޒައިދުވެ މިވާހަތަކަށް ތާއީދު ކުރައްވައި ޑރ.އިޔާޒު ވިދާޅުވީ މިބިލަށް ބަލައިލުމުން މިބިލަކީ ކޮން މަގުސަދެއްގައި އެކުލަވާލާފައިވާ ބިލެއްކަން ސާފުވާކަމަށެވެ. މިބިލަކީ ސީދާ ޝައިތާނާ ރުއްސުމަށްޓަކައި ފަރުމާކޮށްފައިވާ ބިލެއްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތު އުފެއްދުމުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅީ އިސްލާމީ ވިސްނުމަކުން ކަމަށް ބިލް ހުށަހެޅުއްވި މެމްބަރު ޙިސާން ޙުސައިން ވަނީ ވިދާޅުވެފައެވެ. ޙިސާން ވިދާޅުވީ، ބިލް ޑިޒައިން ކޮށްފައި ވަނީ ހަމައެކަނި ޑިމޮކްރެޓިކް ނިޒާމުތަކަކަށް ނޫން ކަމަށެވެ. އަދި ދީނީގޮތުން މިކަންކަން އޮތްގޮތް ވަރަށް ރަނަގަޅަށް ބަލައި ރަސޫލާގެ ހަދީޘް ފުޅުތަކާއި އެކަންކަމާމެދު އިމާމުން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރިއާޔަތްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މި ބިލް ސްޕޮންސާ ކުރަން ނިންމެވީ ކީއްވެގެންތޯ ގިނަބަޔަކު ސުވާލުކުރަމުން ގެނދާކަމަށާއި އޭނާއަށް ދަސްވެފައި އޮތީ އިންސާނާގެ ލެޔަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ކަމަށް ޙިސާން ވިދާޅުވިއެވެ. އެހެންކަމުން މީހަކު މަރަން ނުގޮވޭނެ ކަމަށާއި އަދި މީހަކު ނުރައްކަކަށް ހުށަހެޅިދާނެ އަމަލެއް ކުރެވިގެން ނުވާނެ ކަމަށްވެސް ޙިސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުލަތް ހިނގަނީ ތަރުތީބުވެފައިވާ އިޖުރާތްތަކެއްގެ ތެރެއިން ދައުލަތުގެ މުވައްސަސާތައް މެދުވެރުކޮށް ގާނޫނު އަސާސީއާއި ގާނޫނުގެ ތަރަހައިގެ ތެރެއިން ކަމަށެވެ. އަދި މީހެއްގެ މައްޗަށް ކަމެއް ސާބިތުކޮށް ހުކުމެއް ހިންގާނެ ފަރާތްތަކާއި ގޮތްތައްވެސް ކަނޑައެޅިގައި ވާކަމަށް ހިސާން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.