ވެރިކަމުގެ ދައުރުގެ ބާކީ އޮތް ދުވަސްތައް ގުނުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް މިސަރުކާރުން ކުރައްވާތަން ނުފެންނަ ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމު ފުރުއްވުމަށްފަހު ސާބިތުނުހިފޭ މައްސަލަތަކެއްގައި މަޤާމުން ވަކިކޮށްފައިވާ މަލީހުއަކީ މިސަރުކާރަށް އެންމެބޮޑަށް ފާޑުވިދާޅުވެވާހަކަ ދައްކަވާ އެއްބޭފުޅާއެވެ. މަލީހުވަނީ ވަޒީރުކަމުން ވަކިކުރު ދުވަހުވެސް މަޖިލީހުގައި އެމްޑީޕީ މެމްބަރުންނަށް ހޫނު ރައްދުތަކެއް ދެއްވައި ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވިޔަސް ހައްގު ބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.
މިސަރުކާރުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ މަލީހު ވިދާޅުވީ ރައީސް ޞާލިހާއި، މިސަރުކާރުން ކުރައްވާ ހަމައެކަނި މަސައްކަތަކީ ވެރިކަމުގެ ދައުރުގެ ބާކީ އޮތް ދުވަސްތައް ގުނުންކަމަށެވެ. ރައްޔިތުންނަށް ލާބަޔާއި މަންފާހުރި އެއްވެސް މަސައްކަތެއް ކުރެވޭތަން ނުފެނަންކަމަށް މަލީހު ވިދާޅުވިއެވެ. އަދި މިއަދު އެމްޑީޕީން ގެންގުޅޭ ވެރިކަމުގެ ސްޓައިލް އެހެން ބަޔަކަށް ދަސްކޮށްދެއްވަން އުޅުއްވުމަކީ އެހެން ޕާޓީތަކަށްވެސް އެކަމުން ގެއްލުންތަކެއް ވެދާނެ ކަމެއްކަމަށްވާތީ އެކަން ނުކުރެއްވުމަށް މަލީހު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ދައުރުގެ ބާކީ ގުނުން ފިޔަވާ އިތުރުކަމެއް ނުކުރައްވާ. އެއީ ސަރުކާރު ހިންގުމުގެ މެނޭޖްމަންޓް ސްޓައިލެއް ކަމުގައިވާނަމަ ރަނގަޅީ އެހެން ޕާޓީއަކަށް ތިޔަ ނޮލެޖް ޓްރާންސްފާ ނުކުރެއްވިއްޔާ. 2023ގައި ބުނާ ނޫނެކޭ ބޮޑުވާނެ.
– މަލީހު ވިދާޅުވިއެވެ.
ރައީސް ޞާލިހުގެ ވެރިކަމަށް ދެއަހަރާއިބައި ވެފައިވާއިރު، ވެފައިވާ ވައުދުތައް ނުފެއްދި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ދަނީ ފާޅު ކުރަމުންނެވެ. ޚާއްސަކޮށް ކޯވިޑް-19 ގައި އެތައް ބަޔަކު މަރުވެ އެތައް އާއިލާއެއް ނިކަމެތިވެފައިވާއިރު ސަރުކާރުން މިކަންކަމުގައި އެކަށީންވާ އެހީތެރިކަމެއްވެސް އަޅާލުމެއްވެސް ނުބަހައްޓަވާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ނަމަވެސް ސަރުކާރުން ބުނަމުންދަނީ ކަންކަން ނުވެދަނީ ކޯވިޑް-19 އާއި ގުޅިގެންކަމަށެވެ. އަދި މިހާލަތުގައިވެސް ސަރުކާރުން ހުރި މިންވަރަކުން ގިނަ ކަންތައްތަކެއް ހާސިލް ކޮށްފައިވާކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ