އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ އޭސީސީއަށް ފޮނުވައިފިއެވެ.
މަޚްލޫފްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވި މައްސަލަ ދައުވާ ނުކޮށް އަނބުރާ ފޮނުވާލާފައިވަނީ، ޤާނޫނީ މައްސަލަތަކެއް ހުރުމުންކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން ބައެއް މީހުންގެ ހެކިބަސް ނަގާފައިވަނީ ޤާނޫނަާއި ޚިލާފަށްކަމަށްވެސް އެނގިފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ މަޚްލޫފްގެ މައްޗަށް ދައުވާކުރުމާއި ގުޅޭގޮތުން އޭސީސީއާއި މަޝްވަރާކުރަމުން އަންނަކަމަށެވެ.
މަޚްލޫފްގެ މައްޗަށް ދައުވާނުކޮށް މައްސަލަ އަނބުރާ ފޮނުވާލާފައިވާއިރު، އޭނަގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވީ މިމަހުގެ 9ގައެވެ. އޭސީސީން ބުނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ.ހާފްސީ/ މާލެ، އަޙްމަދު މަޚްލޫފް އަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާކަމަށެވެ.
އޭސީސީން ބުނީ، މިހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން އެނގޭކަން ތަހުގީގަށް ފާހަގަވެފައިވާކަމަށެވެ.
އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި އަޙްމަދު މަޚްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސް.އޯ.އެފްގެ ޗެކަކުން އަޙްމަދު މަޚުލޫފުގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގޭއިރު، އެ ވޯޓަށްފަހު ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު (ހ.ސާމަރާ / މާލެ) އާއި އަޙްމަދު މަޚްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފް ގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، އަދީބު، މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަޙްޤީޤުން އެނގޭކަމަށް އޭސީސީން ބުންޏެވެ.
އަޙްމަދު މަޚްލޫފް ގެ އެކައުންޓަށް ޖަމާކޮށްފައިވާ ތެއްތިރީސްހާސް އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފް ނަމުގައި ތައްޔާރުކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް އަޙްމަދު މަޚުލޫފުގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަޙްޤީޤުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތްކަމަށްވެސް އޭސީސީން ބުންޏެވެ. އަދި މިއީ އަޙްމަދު އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި އަޙްމަދު މަޚްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަޙްޤީޤަށް ލިބިފައިވާ ހެކި ޤަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައިކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނުގެ ދަށުން، އަޙްމަދު މަޚްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީކަމަށްވެސް އޭސީސީން ބުންޏެވެ.
މީގެ އިތުރުން، ތެއްތިރީސް ހާސް އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭ.ސީ.ސީ އަށް ހުށަހަޅާފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސް.އޯ.އެފް އާ ޙަވާލުކޮށްފައިވާނެކަމަށް، އަޙްމަދު މަޚްލޫފް އޭ.ސީ.ސީ އަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭކަމަށްވެސް އޭސީސީން ބުންޏެވެ. އެގޮތުން، އަޙްމަދު މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތަތީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން، ގ.ހާފްސީ، އަޙްމަދު މަޚްލޫފް ގެ މައްޗަށް ދައުވާ ކޮށްދިނުން އެދި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
އެ މުޢާމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސް.އޯ.އެފް އާ ޙަވާލުކޮށްފައިވާނެކަމަށާއި، އެއީ ޞައްޙަ މުޢާމަލާތެއްކަމަށް ދެއްކުމަށް އޭ.ސީ.ސީ އަށް ހުށަހަޅާފައިވާ ލިޔުމަކީ ދިވެހި ފައިސާ ބަލައިގަތުމަށް ފަހު އެސް.އޯ.އެފް އިން ދޫކޮށްފައިވާ ލިޔުމެއް ކަމަށް ދޭހަވާ ގޮތަށް އޭ.ސީ.ސީގެ ތަޙްޤީޤަށް ޢަލީ މުބީން ބަޔާން ދީފައިވަނީ އޭ.ސީ.ސީ އަށް ދޮގު މަޢުލޫމާތު ދިނުމުގެ ގޮތުންކަން ތަޙްޤީޤަށް އެނގެން އޮތަތީ،ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން ޢަލީ މުބީން އަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީކަމަށްވެސް އޭސީސީން ބުންޏެވެ.
މަހުލޫފްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާއިރު، މަޖިލީހުން ޢާންމުކުރި އެމްއެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަމަށް ބުނާ ލިސްޓްގައިވެސް މަހުލޫފްގެ ނަން އޮތެވެ. އެކަމާއި ގުޅިގެން މަހްލޫފް ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ މީހުންގެ ލިސްޓަކީ ސިޔާސީ ލިސްޓެއްކަަމަށާއި، އެ މައްސަލާގައި ދައުވާކުރާ ހިސާބުން މަޤާމުން އިސްތިއުފާދެއްވާނެކަމަށެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވަނީ، ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެމައްސަލަ އާއި ސީދާ ގުޅުންނެތް އެތައްބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަންއޮތުމަކީ ކުށްވެރިވުމެއްނޫންކަމަށާއި، އެކަމުގައި ބައިވެރި ވުމެއްވެސް ނޫންކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ އެމަގާމުގަ އެންމެ ދުވަހަކުވެސް ނުހުންނަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ