ކޮންމެ މުންކަރާތަކީވެސް، އެމީހަކަށް ލިބިފައިވާ ބާރާއި، އިޚްތިޔާރުގެ ތެރެއިން މަނާކުރަންޖެހޭނެކަމެއްކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ. ޚުޠުބާގައި ވަނީ، ނުބައި ކަންކަން ހުއްޓުވުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ އިތުރަށް، ޤައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީ ވެސް މުސްލިމް ދައުލަތެއްގެ ވާޖިބެއްކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވަނީ، ނުބައި އެންމެހާ ކަންކަން މަނާކުރުމަކީ، އިސްލާމް ދީނުގައި، ކުރަން އަންގަވާފައިވާކަމެއްކަން ބަޔާންކޮށްފައެވެ. މި އުއްމަތަކީ އެންމެ ހެޔޮ އުއްމަތް ކަމުގައި ވެފައި ވަނީ، ހެޔޮ ކަންކަމަށް އަމުރުކުރުމާއި، ނުބައި ކަންކަން ނަހީކުރާ ބަޔަކަށް ވީތީކަމަށްވެސް ބަޔާންކުރެއްވިއެވެ.
ޚުޠުބާގައި ވިދާޅުވީ، ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމަކީ، އަމާންކަން ނާމާންކަމަށް ބަދަލުވާ ކަމެއްކަމާއި، ﷲ ގެ ކޯފާ ޙައްޤުވާ ކަމެއްކަމަށެވެ. އަދި އެއީ އަޅުގަނޑުމެންގެ ދުޢާ އިޖާބަވުމަށް ހުރަސް އެޅޭކަމެއްކަމަށްވެސް ވިދާޅުވިއެވެ. އަދި މި މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމުގެ ސަބަބުން ބައެއް އުއްމަތްތަކަށް ﷲ ތަޢާލާ، ލަޢުނަތް ލައްވައި، ހަލާކުކުރައްވާފައިވާކަމަށާއި، އެގޮތުން ބަނީ އިސްރާއީލުބާގައިގެ މީހުން ކުރެ، ކާފިރުވީ ބަޔަކު ފާހަގަ ކުރެވޭކަމަށެވެ.
ޚުޠުބާގައި ވިދާޅުވީ، މުންކަރާތް ނަހީކޮށް، ނުބައި ކަންކަން ހުއްޓުވުމަކީ، ދީނީ، ޤާނޫނީ، ފަރުދީ އަދި ޖަމާޢީ ވާޖިބެއްކަމަށެވެ. ނުބައި ކަންކަން ހުއްޓުވުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ އިތުރަށް، ޤައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީ ވެސް މުސްލިމް ދައުލަތެއްގެ ވާޖިބެއްކަމަށް ބަޔާންކުރެއްވިއެވެ.
މުންކަރާތް ނަހީކުރުމުގައި ކޮންމެ މީހަކުމެ، އެ މީހެއްގެ ޒިއެއްކަން ދެނެގަތުމަށް ގޮވާލައްވާ ޚުޠުބާގައި ވިދާޅުވީ، ކޮންމެ މުއައްސަސާއަކުން އެ މުއައްސަސާއެއްގެ ވާޖިބު އަދާކުރަން ޖެހޭނެކަމަށެވެ. ކޮންމެ މުންކަރާތަކީ ވެސް މަނާކުރެވެން ޖެހޭނެ ކަމެއްކަމަށާއި، އެހެންނަމަވެސް އެއީ އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބާރާއި، އިޚްތިޔާރުގެ ތެރެއިންކަމަށެވެ.
މާތް ﷲ ގެ އަޅުތަކުންނޭވެ! މުޖްތަމަޢުގައި ހިނގަމުންދާ ނުބައިކަންކަން ހުއްޓުވުމަކީ މާފަސޭހަކަމެއް ނޫނެވެ. ގިނަފަހަރަށް އެފަދަ ކަންކަން ރާވައި ހިންގާފަރާތްތަކަކީ، ނުފޫޒު ގަދަ ބަޔަކު ކަމުގައި ވެދާނެއެވެ. އެހެން ނަމަވެސް އެއީ މިކަން ހުއްޓާލަންޖެހޭ ސަބަބެއް ނޫނެވެ. މި ކަމަކީ މި އުއްމަތުގެ ކޮންމެ މީހެއްގެ ޒިންމާއަކަށް ވާތީ އެވެ. މިކަން ކުރާ މީހާގެ ކިބައިގައި، ކެތްތެރިކަމާއި، އިޚްލާޞް ތެރިކަން ހުންނަން ޖެހެއެވެ. ކަމެއް މަނާ ކުރުމުގައި އަބަދުވެސް އެންމެ އެކަށީގެންވާ އުސޫލު ގެންގުޅެން ޖެހެއެވެ.
– ހުކުރު ޚުޠުބާ
ޚުޠުބާގައި ވިދާޅުވީ، އަޅުގަނޑުމެންގެ ތެރެއިން ވިޔާނުދާ ޢަމަލުތައް ކުރާ ބައެއްމީހުން ހީކުރާ ގޮތުގައި، އެކަންކަމަކީ އެހެން މީހަކާ ބެހޭ ކަމެއް ނޫންކަމަށާއި، އެއީ އޭނާގެ އަމިއްލަ ކަމެއްކަމަށް ދެކޭކަމަށެވެ. ޢަޛާބު ލިބެންޏާ ވެސް ލިބޭނީ އޭނާއަށްކަމަށާއި، އެހެންމީހުން އެކަންކަމާ ދެކޮޅު ހެދުމަކީ، އޭނާގެ މިނިވަންކަމަށް އަރައިގަތުންކަމަށް ބައެއް މީހުން ދެކޭކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު ކުށްހީއެއްކަމަށާއި، މުޖްތަމަޢުގައި އެންމެ ފަރުދަކު ވެސް މުންކަރާތަކަށް އަރައިގަންނަ ނަމަ، އޭގެ ނޭދެވޭއަސަރު މުޅި މުޖްތަމަޢަށް ފޯރާނެކަމަށް ވިދާޅުވިއެވެ. އަދިއެ ސުންޕާ ޢަމަލުގެ ސަބަބުން ﷲގެ ރަޙްމަތާއި، ބަރަކާތް ކެނޑޭނެކަމަށާއި، އާންމުވެގެންވާ ކޯފާއެއް އަންނައިރު އެއްވެސް މީހަކު ސަލާމަތެއް ނުވާނެކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ހުރިހާ މުންކަރާތްތަކަކުން އަޅުގަނޑުމެން އަޅުގަނޑުމެން އެއްކިބާވުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.
އެންމެ ބޮޑުފާފަ ކަމުގައިވާ ޝިރުކުން ފެށިގެން، ކުދި ފާފަތަކުން ވެސް މެއެވެ. ތިމާގެ ފަރާތުން އަނެކާއަށް ގެއްލުމެއް ނުވަތަ އުނދަގުލެއް ކުރިމަތިވެދާނެ ކޮންމެ ކަމަކުންނެވެ. ސޯޝަލް މީޑިއާގައި، ހަޑިހުތުރު ބަހުން މީސްމީހުންނަށް އެއްޗެތި ގޮވުމާއި، އިންޛާރު ދިނުމާއި، ނޫސްމަޖައްލާ ތަކުގައި، މީސްމީހުންގެ އަބުރު ކަތިލައި، ނަފުރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުމާއި، މަގުމަތީގެ ޙުރުމަތް ކަނޑައި، ޤަވާޢިދާ ޚިލާފަށް ވެހިކަލު ދުއްވުމާއި، މީހުންނަށް ދަތިވާ ގޮތަށް ޕާކުކުރުން ފަދަ އެންމެހާ ކަންކަމުން ދުރުވެ ރައްކާތެރިވާން ޖެހެއެވެ.
– ހުކުރު ޚުޠުބާ
ކޮމެންޓު ފޮނުވާ