ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުންނާއި، ކައުންސިލްތަކުން ދެކޮޅު ހަދައި ބަޔާން ނެރެމުންދާތީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް (ސިއްޕެ) ނުރުހުން ފާޅު ކުރައްވައިފިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ކައުންސިލްތަކުން ނެރެމުންދާ ބަޔާނަކީ ކައުންސިލް މެމްބަރުންގެ ޚިޔާލާއި ވިސްނުމަށް ނެރެމުންދާ ބަޔާނެއް ނޫންކަމަށް ވިދާޅުވެފައެވެ. އެއީ ސަލަފް ޖަމްއިއްޔާއިން އިސްވެ ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ނަފްރަތުގެ ބިލާ ދެކޮޅަށް ނެރޭ ބަޔާންތަކުގެ ބަދަލުގައި އިންސާފަށް އެދި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިމާވެފައިވާ ނުތަނަވަސް ހާލަތުން އެމަނިކުފާނަށް އަވަސް އިންސާފެއް ލިބުމަށް އެދި ބަޔާންތައް ނެރުމަށް މަސައްކަތް ކުރުމަށްވެސް ޝިފާޒު ވަނީ ދާއިރާތަކުގެ ރައީސުންނަށް ގޮވާލާފައެވެ. އެމްޑީޕީގެ ކައުންސިލުތައް ނެތް ރަށްތަކުގެ ކައުންސިލުތަކުން ވެސް ބަޔާންތައް ނުނެރެ މަޑުޖައްސާލުމަށް މަސައްކަތް ކުރުމަށް ނުވަތަ އެކަމާއި ދެކޮޅަށް އެހެން ކަމެއް ކުރުމަށް މަސައްކަތް ކުރުމަށް ޝިފާޒު ވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ޝިފާޒު މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާއިރު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގިނަ ކައުންސިލްތަކަކުންވެސް ވަނީ މިބިލާއި ދެކޮޅަށް ބަޔާން ނެރެފައެވެ. އަދި މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި، އެމްޑީޕީގެ އާންމު ގިނަ އަދަދެއްގެ މެމްބަރުންވެސް ދަނީ ސޯޝަލް މީޑިއާގައި މިކަމަށް ނުރުހުން ފާޅު ކުރަމުންނެނެވެ.
ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއްވެސް ވަނީ ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅި މެމްބަރު ޙިސާން ހުސައިން މި ބިލާގުޅޭގޮތުން ވިދާޅުވެފައި ވަނީ ބިލުގެ ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު ހަގީގަތަކީ އެ ބިލު ފަރުމާ ކޮށްފައި ވަނީ އިސްލާން ދީނުގެ އެންމެ މަތީ އިމާމުން ދެއްވާފައިވާ އިރުޝާދުތަކާއި އިސްލާމީ ޝަރީއަތުގެ އިލްމަށް ރިއާޔަތް ކޮށްގެން ކަމަށް ޙިސާން ވިދާޅުވިއެވެ.
މި ބިލަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ޖިނާއީ ކުށް ތަފްސީލްކޮށް އިތުރު ބިލެއް ވެސް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
ކޮމެންޓު ފޮނުވާ