ސަސްޕެންޑް ކުރުމުން ދެން އޮންނަންވީ ރޯންތޯ: މަހުލޫފް

ސަސްޕެންޑް ކުރުމުން ދެން އޮންނަންވީ ރޯންތޯ: މަހުލޫފް

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2021 07:26
0

މިނިސްޓަރ މަޚުލޫފުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާކުރުމަށް ފޮނުވުމާއި ގުޅިގެން މަޤާމުން ސަސްޕެންޑު ކުރުމުން އޮންނަވީ ރޯންތޯ މިނިސްޓަރ މަހުލޫފް ސުވާލު ކުރައްވައިފިއެވެ.

މިނިސްޓަރ މަހުލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާއި ގުޅިގެން ބައެއް ބޭފުޅުން ދައްކަވަމުންވާ ވާހަތަކަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ މަޤާމުން ސަސްޕެންޑު ކުރުމަކީ އެއްވެސް ހާލެއްގައި ރޯން އޮންނަންޖެހޭ ވަރުގެ ކަމެއްނޫންކަމަށެވެ. ބައެއް މީޑިޔާތަކާއި ވާހަކަ ދައްކަވަމުން މިސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި މިހާރުގެ ކެބިނެޓް ވަޒީރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުންނެވި ޗުއްޓީގައި ކަމަށެވެ. ޗުއްޓީ ހަމަވުމާއިއެކު މާލެ އަންނާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، ޔޫތު މިނިސްޓަރ އަޙްމަދު މަޚުލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ހުށައަޅާފައެވެ.

ދައުވާކުރަން ހުށާއަޅާފައިވަނީ އެމްއެމްއޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުރުން އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަޚްލޫފްއަށް ލިބިފައިވާކަން ފާހަގަކުރެވިގެންނެވެ.

މި މައްސަލައިގަ މަޚްލޫފުގެ މައްޗަށް ދެ ދަޢުވާއެއްކުރުމަށްވަނީ ފޮނުވާފައެވެ. ފުރަތަމަ ދަޢުވާއަކީ މަަޚްލޫފް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން(އެސް.އީ.ޒެޑް)ގެ ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000(ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވި ފައިސާގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނުގެ ދަށުން، ކުރާ ދައުވާއެކެވެ. އަނެއް ދައުވާއަކީ މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން މީގެ ކުރިންވެސް މިނިސްޓަރ މަޚްލޫފް ގޭގައި މަޑުކުރުމަށް ރައީސްވަނީ އަންގަވާފައެވެ. އެފަހަރު މިނިސްޓަރ މަޚުލޫފް މަސައްކަތަށް ނިކުމެވަޑައިގެންނެވީ ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭސީސީއާއި ފުލުހުންގެ ތަޙްޤީޤަށްފަހު، އެއްވެސް މައްސަލައެއް ނެތްކަން ހާމަކުރެއްވުމުން، ރަސްމީ މަސައްކަތަށް އަނބުރާ ނުކުންނެވުމަށް ރައީސް އެންގެވުމުންނެވެ. މަޚްލޫފްގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން 33،000 ޑޮލަރު ޖަމާކުރި މައްސަލައިގައި މަޚްލޫފް ވިދާޅުވެފައިވަނީ، އޭނާ އެކުންފުންޏާއެކު ހިންގާފައިވަނީ އާއިލީ ވިޔަފާރިއަކަށް ބޭނުންވާ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށެވެ.

އަދި މިކަމާބެހޭ ލިޔެކިއުންތައްވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޢާންމުކުރައްވާފައެވެ. މަޚްލޫފް ވިދާޅުވެފައިވަނީ އޭނާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ސާބިތުވެއްޖެނަމަ މަޤާމުން އިސްތިއުފާ ދެއްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޑ ޑޫއިޓް
ޜުއިމަކީ ލޯ ސާފު ކޮށްދޭ ކަމެއް. ރޯން އޮތަސް އޯކޭވާނެ.