ކޯވިިޑް ބަލިމަޑުކަމުގެ ތެރޭގައި ކުދި ވިޔަފާރި ތަކާށާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރަމުންދާ އަސަރުން އަރައިގަތުމަށް ފިނޭންސް މިނިސްޓްރީން ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހަޅާ ފޯމު އާދީއްތަ ދުވަހުންފެށިގެން ބަލައިގަންނާނެ ކަމަށް ބީއެމްއެލުން ބުނެފި އެވެ.
މި ބަލިމަޑު ކަމާ ގުޅިގެން މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކޯވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާ ހަމަޔަށް ފައިނޭންސަށް އެދިހުށަހެޅޭނެ ކަމަށް ބެންކުން ބުނެއެވެ. 6 އިންސައްތައިގެ ކުޑަ އިންޓަރެސްޓެއްގައި، ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާއި އާއި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީ އޮފް ފައިނޭންސް ސްޓިމިއުލަސް ޕެކޭޖެއް އެކުލަވާލައި، ސަރުކާރުން އިއުލާންކުރީ މި އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުއެވެ.
އަންނަ އާދީއްތަ ދުވަހުން ފެށިގެން ބެންކް އޮފް މޯލްޑިވްސް އިން މި ލޯނަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވާއިރު، ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.
ކޮމެންޓު ފޮނުވާ