މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނުންމައިފި އެވެ.
އަންމަޓީގެ ބަންދުގެ މުއްދަތު ރިވިއުކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީއާއި، މުޖުތަމަޢުއަށް ނުރައްކާވާކަމުގެ އިހުމާލު އޮތްކަމަށް ވިދާޅުވެ އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިފައެވެ. އަދި އޭނާ ޝަރީޢަތަށް ޙާޒިރު ނުވެދާނެކަމާއި، ފިލައިގެން ދިއުމުގެ ބިރުވެސް އޮތްކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ނަމަވެސް އޭނާގެ ވަކީލް މުހުތާޒް މުހުސިން ވަނީ މައްސަލަ ބިނާވެފައިވަނީ ކިތާބީ ހެކިތަކެއްގެ މައްޗަށްކަމަށާއި، ނުފޫޒް ފޯރުވޭނެ ހެތްކެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަކީ ފިލައިގެން އުޅުނު މީހެއް ނޫންކަމާއި، އޭނާ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެއްބާރުލުން ދެމުންގޮސްފައިވާކަމަށްވެސް ވަކީލް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ ވަނީ މިއީ ބަންދުގައި ބަހައްޓައިގެން ކުރިއަށްގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ވިދާޅުވެ، ދެ ޝަރުތަކާއެކު އޭނާ ބަންދުން ދޫކޮށްލާފަ އެވެ. އެއީ މާލެއިން ބޭރަށް ނުދިއުމަށާއި، ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށް ޝަރުތުކޮށްފަ އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ، އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައި ވާކަމަށެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200އަށްވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އަޙްމަދު މުސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ކޮމެންޓު ފޮނުވާ