ހުއްޓުވި ލޯންޗުގައި ނަޝީދަށް ދިން ހަމަލާއާ ގުޅޭ މީހުނެއް ނެތް: ޕޮލިސް

ހުއްޓުވި ލޯންޗުގައި ނަޝީދަށް ދިން ހަމަލާއާ ގުޅޭ މީހުނެއް ނެތް: ޕޮލިސް

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2021 01:56
0

ފުލުހުން ހުއްޓުވި ލޯންޗުގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅުންހުރި އިތުރު މީހަކު ނެތްކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ކަނޑުމަތިން ހިފެހެއްޓި ލޯންޗުން ހައްޔަރުކޮށްފައިވަނީ، ވ. ތިނަދޫ ލަކީ، އަދުހަމާއި އަހުމަދާއިި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދުއެވެ. ފުލުހުން މިއަދު ބުނީ ލޯންޗުގައި ތިބީ ހަތަރު މީހުން ކަމަށާއި އަދި އެ ލޯންޗަށް ފުލުހުން ޕެޓްރޯލް ފޯރުކޮށްދީފައި ނުވާއިރު އެ ލޯންޗު ދޫނިދޫއަށް ގޮސްފައި ވެސް ނުވާ ކަމަށެވެ.

ގްރޭޓާ މާލޭ އޭރިއާގެ ކަނޑުގެ ސަރަހައްދައި ދުއްވާ އުޅަނދުތަކުގެ ސަލާމާތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި އެއްވެސް މައްސަލައެއް ފާހަގަ ކުރެއްވިއްޖެ ނަމަ އެޓެންޑްވުމަކީ އާންމު އުސޫލުން ކުރަމުން ގެންދާ ކަމެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ، އަދި ބުނީ ނަސޭހަތް ދިނުމާއި މައުލޫމާތު ނޯޓު ކުރުމަކީ ވެސް އާންމު އުސޫލުގެ ތެރޭގައި ހިނގާ ކަންކަން ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ޖުމްލަ 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުުހުން ކަނޑުމަތިން ހުއްޓުވިކަމަށް ބުނާ އަދުހަމްއަކީ ބޮން ގޮއްވާލި މީހާއެވެ. އަދި ތަހުމީން އަހުމަދަކީ ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިމީހާކަމަށް މައުލޫމާތު ލިބެއެވެ.

މި ދެ މީހުންގެ އިތުރުން، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދެން ހައްޔަރުކޮށްފައިވަނީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.