ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވވާ ދައުވާގެ ޝަރީޢަތް އަންނަ ހަފްތާގައި ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. މިމަހުގެ 10ގައިވެސް ޢަލީ ވަޙީދުގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަށް ތަޢާވަލުކުރިއެވެ. ނަމަވެސް އެދުވަހު އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
އަލީ ވަހީދުވަނީ އޭނާގެ ޝަރީއަތުގެ އަޑުއެހުން އޮންލައިންކޮށް ބޭއްވުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ. ނަމަވެސް ކޯޓުންވެސް މިކަމުގައި މިހާތަނަށް ވަކި ގޮތެއް ނިންމަވާފައި ނުވެއެވެ.
ކްރިމިނަކްކޯޓުގައި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ މިހާތަނައަށް އަމަލުކޮށްފައިވާ އުސޫލެއް ނޫނެވެ. މިމައްސަލައަކީ ކުރިއަށް ދަނިކޮށް ކުއްލިއަކަށް ވީގޮތެއްވެސް ނޭގި ހުއްޓައި އަލީ ވަހީދު ފުރައިގެން ރާއްޖެއަށް ބޭރަށް ދިއުމާއި ގުޅިގެން ވަރަށް ބޮޑެތި ކަންބޮޑުވުން އުފެދިފައިވާ މައްސަލައެކެވެ.
ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވާން އަލީ ވަޙީދު އެދިފައިވާއިރު، އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއާއެކު ވެފައިވާ 4 މަސްދުވަހުގެ އެއްބަސްވުމުގެ މުއްދަތު މިއަދަށްވަނީ ހަމަވެފައެވެ. ޖާމިނުވި ނަމަވެސް އަލީ ވަހީދު އުޅޭތަނެއް ނޭނގޭކަމަށް އަސްހަދު އަލީ ބުނުމުން އޭނާއަށް ފިޔަވަޅު އަޅައިދޭން ޕްރޮސިކިއުޓާ ޖެނަރަލްވަނީ ކުރިމިނަލް ކޯޓުގައި އެދިފައެވެ.
މިކަމާ ގުޅޭ ދެ ސިޓީއެއް ދައުލަތް ތަމްސީލް ކުރާ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ނަމަވެސް އެ ދެ ސިޓީ އަށް ކޯޓުން ޖަވާބު ދީފައި ނުވާ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފަ އެވެ. ނަމަވެސް އަލީ ވަހީދުގެ މައްސަލާގައި ޖޫން މަހުގެ 10 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް އަންގާފައިވާތީ އެ ދުވަހުގެ އަޑުއެހުމުގައި ކޯޓުން އަސްއަދަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނެ ކަމަށް ދައުލަތުން ދެކެ އެވެ. ޖާމިނު އެއްބަސްވުމާއި އަސްއަދު ހިލާފުވުމަކީ ކޯޓްގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށްވެސް ދައުލަތުން ގަބޫލުކުރެއެވެ.
ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވިއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ ކޯޓަށް ހުށައަޅާފައެވެ.
މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ. އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 21 އަހަރުގެ ޖަލު ހުކެމެއް އަންނާނެއެވެ.
ކޮމެންޓު ފޮނުވާ