ކެޓަގަރީ އުވާލައިގެން ފްލެޓް ގެއްލުނު މީހުންނަށް އިތުރު ގޮތެއް ހޯދައިދިނުމަށް މޭޔަރު ގޮވާލައްވައިފި

ކެޓަގަރީ އުވާލައިގެން ފްލެޓް ގެއްލުނު މީހުންނަށް އިތުރު ގޮތެއް ހޯދައިދިނުމަށް މޭޔަރު ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
16 ޖޫން 2021 05:06
0

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ނުދިނުމަށް ނިންމާ އެއް ކޮޓަރީގެ ފްލެޓްތަކުގެ ކެޓަގަރީ މިސަރުކާރުން އުވާލާފައިވަނީ، އެ ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ލިސްޓް ޢާންމުކޮށްފައިވަނިކޮށްކަމަށާއި، އެމީހުންނަށް އެހެން މަޝްރޫޢުތަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ހައުސިންގ މިނިސްޓްރީއާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެމޭޔަރު ޑރ.މުޢިއްޒު ވިދާޅުވީ، މިސަރުކާރުން ގެނައި ބަދަލަކުން އެއް ކޮޓަރީގެ ފްލެޓް ލިބުނު މީހުންނަށް ފްލެޓް ގެއްލިފައިވާތީ، އެމީހުންނަށް އިތުރު ގޮތްތަކެއް ހޯދައިދޭން ޖެހޭކަމަށެވެ. ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢު މިސަރުކާރުން ބަދަލުކުރުމަކީ ބަލައި ގަނެވޭނެކަމަށް ނޫންކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އަދި އެމީހުންނަށް އެހެން މަޝްރޫޢުއަކުން ނަމަވެސް ފްލެޓް ދިނުމަށް މުޢިއްޒު ގޮވާލެއްވިއެވެ.

މުޢިއްޒު މިހެން ވިދާލުވެފައިވާއިރު، ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫޢުގެ ދަށުން، އެއް ކޮޓަރީގެ ފްލެޓަށް ނުވަތަ އަލަތު ކައިވެނީގެ ދަށުން ފްލެޓަށް އެދުނު އެންމެނަށް ފްލެޓް ދޭން ނިންމިއެވެ. ނަމަވެސް އެ ޢަދަދަށް ދޭން ފްލެޓް ނެތްކަމަށް ބުނެ މިސަރުކާރުން ވަނީ އެއް ކޮޓަރީގެ ތިން ކެޓަގަރީއެއް އުވާލާ ފްލެޓް ނުދިނުމަށް ނިންމާފައެވެ.

މޭޔަރު ވިދާޅުވީ، ފެލްޓެ ލިބުނުކަމަށް އިއުލާންކުރި އެތައް ޒުވާނުންނަކަށް ފްލެޓް ނުލިބިގެން އެކަމުގެ ޝަކުވާކޮށްފައިވާކަމަށެވެ.

ކުރީ ސަރުކާރުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވަނިކޮށް މިސަރުކާރުން ވަނީ 3 ކެޓަގަރީއެއްގެ ފޯމް ބާޠިލްކޮށް ފްލެޓް ނުދިނުމަށް ނިންމާފައެވެ.

މިސަރުކާރުން ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ކެޓެެގަރީތަަކީ:

H11 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި))

ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުން ކުރި އިއުލާންގައި އިޢުލާންގައި ވަނީ 2018 ވަނަ އަހަރު “ހިޔާ” މަޝްރޫޢަށް އިޢުލާންކުރެއްވިއިރު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން 1 ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން 1 ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުކަމަށް ބުނެފައިވެއެވެ.

އެގޮތުން ހައުސިން މިނިސްޓްރީއިން ވަނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް 2 ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައިކަމަށާއި، އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓްކަމަށްވެސް ސަރުކާރުގެ އިޢުލާންގައިވެއެވެ.

އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް، “ހިޔާ” މަޝްރޫޢުގެ H14 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ (1ކޮޓަރި) ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓްކުރުމަށްފަހު، ބާކީވާ ފްލެޓްތައް، “ހިޔާ” މަޝްރޫޢުގެ H12 (މާލޭ ރަށްވެހިންނަށް ޚާއްސަ (1 ކޮޓަރި)) ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް އިޢުލާންގައިވެއެވެ.

އެހެންކަމުން ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާޠިލްކުރުމަށް ނިންމާފައިވާކަމަށްވެސް ސަރުކާރުގެ އިޢުލާންގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.