ކޯވިޑް-19ގެ ހާލަތު ގޯސްވެ އައްޑޫސިޓީ ހިތަަދޫގައި ލޮކްޑައުންކޮށްފިއެވެ.
އައްޑޫ ސިޓީ ހިތަދޫ ލޮކްޑައުން ކުރުމާއިއެކު، ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ، ހިތަދޫގެ ކޮންމެ ގޭބީސީއަކަށް 2 ފާސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ގޭ ބީސީއަކަށް 2 ފާސް ދޫކުރެވޭ އިރު، 2 ފާހަށް ހުއްދަ ދެވޭނީ 2 ގަޑިއަކަށް ބަހާލައިގެންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ އާންމު ވިޔަފާރި ކުރުމަށާއި އެހެނިހެން ޒަރޫރީ ބޭނުން ތަކަށް ދޫކުރެވޭނެ ފާހެއް ކަމަށާއި މިފާސްތައް ހޯއްދަވަން ޖެހޭނީ ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށްކަމަށްވެސް ޔޫސުފް ވިދާޅުވިއެވެ.
މީގެ އިތުރުން ހިތަދޫގެ ކެފޭ ހޯޓާ ރެސްޓޯރެންޓް ފަދަ ކާބޯތެކެތީގެ ޙިދުމަތް ދޭ ތަންތަނުން ހަމަ އެކަނި ޑެލިވަރީ ކުރެވޭ ގޮތް ވަނީ ހަދާފައެވެ. ވަޒީފާގެ ބޭނުމަށް ބޭރުގައި އުޅުއްވަން ޖެހޭ ފަރާތްތަކާއި، ދަނޑުވެރިން އަދި މަސްވެރިންނަށް ވަކި ހުއްދައެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ޑިއުޓީތަކަށްދާ މުވައްޒަފުން ވެސް ޑިއުޓީތަކަށް ދާއިރު ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް ވެސް ފުލުހުން ބުނެއެވެ. މިގޮތަށް ހުއްދަ ހޯދުމުގައި އޮފީސްތަކުން އައްޑޫ އީއޯސީއަށް މުވައްޒަފުންގެ މައުލޫމާތު ފޯރުކޮށްދިނުމުން އެ ހުއްދަތައް ދެވެނޭ ކަމަށް ފުލުހުން ބުނެއެވެ.
އައްޑޫ އީއޯސީން ބުނި ގޮތުގައި، ގިނަ ފަރާތްތަކުން ކަސްރަތުކުރުމަށް ބޭނުންވާތީ ފަތިހު 4:00 އިން ހެނދުނު 8:00 އަށް ކަސްރަތު ކުރުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. ނަމަވެސް ކަސްރަތަށް ނިކުންނަވާއިރު ގްރޫޕް ހަދައިގެން ނުދިއުމަށް އީއޯސީން ވަނީ އިލްތިމާސް ކޮށްފައެވެ. ހިތަދޫ ލޮކްޑައުން ކުރެވިފައިވަނީ، އައްޑޫސިޓީގައި މިވަގުތު ކޯވިޑް-19 އިގެ 82 އެކްޓިވް ކޭސް އޮތް އިރު، އޭގެ ތެރެއިން 77 ކޭސް ހިތަދޫން ފެނުމާއިއެކުވެ. އައްޑޫގެ ގުޅިފައިވާ އެހެން ރަށްތަކުގައި އިތުރު ކޭސްތަކެއް ފެންނަމުން ނުދާއިރު، މިވަގުތު މަރަދޫގައި 2 ކޭސް އަދި ފޭދޫގައި އެކްޓިވް 1 ކޭސް އެބައޮތެވެ. މީގެ އިތުރުން ހުޅުދޫގައި 2 އެކްޓިވް ކޭސް މިހާރުވެސް ވަނީ ފެނިފައެވެ.
ކޮމެންޓު ފޮނުވާ