ގައްސާން އަދުން ޙުސައިންއަށް: އީވާން މަރުގެ ޙާދިސާ ޤާނޫނީ އިމުގެ ތެރެއިން ނުބަލަނީ ކީއްވެގެންތޯ؟

ގައްސާން އަދުން ޙުސައިންއަށް: އީވާން މަރުގެ ޙާދިސާ ޤާނޫނީ އިމުގެ ތެރެއިން ނުބަލަނީ ކީއްވެގެންތޯ؟

Author
މުޙައްމަދު ޖިމީ
22 އޮކްޓޯބަރ 2020 11:19
0

އީވާން ނަސީމްގެ މަރުގެ ޙާދިސާއާއި ގުޅިގެން ކުރީގެ ރައީސް މައުމޫން ޢަބްދުލްްޤައްޔޫމްގެ އިސްތަށިފުޅުގައި އަޅުވާ ތުހުމަތުތައް އެމްޑީޕީގެ ސަރުކާރުގައި ޤާނޫނީ އިމުގެތެރެއިން ނުބައްލަވަނީ ކީއްވެގެންތޯ ވިދާޅުވެ ރައީސް މައުމޫންގެ ދަރިކަލުން ގައްސާން މައުމޫން ސުވާލުއުފައްދައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާއިގުޅިގެން ގުރައިދޫ ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ގައްސާން މައުމޫން ވަނީ ޒުވާނުންނަށް ރައްކާތެރިކަން ދިނުމުގައި މިސަރުކާރު ފެއިލްވެފައިވާކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

 

ގައްސާންގެ މި ޓްވީޓަށް ރައްދުދެއްވާ ހެންވޭރު ދެކުނުދާއިރާގެ މެންބަރު ޙުސައިން ޝަމީމް (އަދުން ޙުސައިން) ވަނީ އީވާން ނަސީމްގެ ފޮޓޯތަކާއެކު ރައީސް މައުމޫނަށް ކުރައްވާ ތުހުމަތުތައް ތަކުރާރު ކުރައްވާފައެވެ. އެގޮތުން ރައީސް މައުމޫންގެ ޒަޢާމަތުގައި އީވާން ނަސީމް ގަަޔަށް ބަޑިޖަހައި މަރާލިކަމަށް ވިދާޅުވެ އެފޮޓޯތަށް ބެއްލެވުމަށް އޭނަ ވަނީ ގައްސާނަށް ދަންނަވާފައެވެ.

އަދުން ޙުސައިންގެ އެވާހަކަފުޅަށް ރައްދުދެއްވާ ގައްސާން މައުމޫން ވަނީ މިއީ އެމްޑީޕީން ވެރިކަން ކުރާ ދެވަނަ ފަހަރުކަމަށާއި، ޑިމޮކްރަސީއަށާއި އިންސާނީ ހައްގުތަކަށް ވަކާލުކުރާ ޕާޓީއެއްކަމަށް އެމްޑީޕީން ބުނާއިރު އީވާން ނަސީމްގެ މަރުގެ މައްސަލައާއި އެކަމުގައި ހިނގައިދިޔަ ހަމަނުޖެހުންތައް އެމްޑީޕީ ސަރުކާރުން ނުބަލަނީ ކީއްވެގެންތޯ ސުވާލުއުފައްދާފައެވެ. އަދި ރައީސް މައުމޫންގެ އޯޑަރަށް ކުރެއްވި ކަމެއްކަމަށް ތުހުމަތު ކުރައްވާނަމަ ޤާނޫނީ އިމުގެ ތެރެއިން އެމައްސަލަ ބެއްލެވުމަށްވެސް ގައްސާން މައުމޫން ވަނީ ގޮވާލައްވާފައެވެ.

ސެޕްޓެމްބަރު 19، 2003 ގައި ސިފައިންގެ އަނިޔާތަކުގައި އީވާން މަރުވެގެންދިޔަ ހާދިސާއާ ގުޅިގެން ޖެހިގެން އައި ހޮނިހިރު ދުވަހު މާފުށީ ޖަލުގައި ކުށްވެރިންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ބަޑި ޖެހުމާ ގުޅިގެން ތިން މީހަކު މަރުވި އެވެ. އެއީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. އަދި 16 މީހުންނަށް އަނިޔާވެފައިވެ އެވެ. 2003 ވަނަ އަހަރު ޖަލުގައި ހިނގައިދިޔަ ލާއިންސާނީ އަމަލުތަކާއި ގުޅޭގޮތުން އެމްޑީޕީން ބުނަމުންދަނީ އެ ދުވަހުގެ އެ ހާދިސާގެ ހަގީގަތް އަދިވެސް އެނގޭނެ ގޮތެއް ނެތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.