މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމް އައްޔަންކުރައްވާ މަޤާމުގެ ފަތްކޮޅުއަރުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް، ހެންވޭރު ހިކިފިނިފެންމާގެ، އަޙްމަދު ނަސީމް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވާފައިވާކަމަށާއި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވާފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ @ibusolih މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް، ހެންވޭރު ހިކިފިނިފެންމާގެ، އަލްފާޟިލް އަޙްމަދު ނަސީމް.(@KerafaNaseem) އިސްކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފި.
— Ibrahim Hood (@MvSpokesperson) October 22, 2020
ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެއްވި ނަސީމް ވަނީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވާފައެވެ. ހެލްތު މިނިސްޓަރުކަމުގެ މަޤާމަށް ނަސީމް އައްޔަންކުރައްވާފައިނިވަނީ ކުރިން އެމަޤާމުގައި ހުންނެވި ޢަބްދުﷲ އަމީން އިއްޔެ ރޭ އެމަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ހެލްތު މިނިސްޓަރުގެ މަޤާމު ފުރުއްވަމުންދިޔަ އަބްދުﷲ އަމީން މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މަޖިލީހުން އަމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކާއި ގުޅިގެން ނާޖައިޒް މަންފާ ހޯދިމަކަށްބުނެ އޭސީސީން ވަނީ އަމީންއާއި އެ މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާކުރުމަށްވެސް ފޮނުވާފައެވެ. ނަމަވެސް ޕީޖީންވަނީ މިމައްސަލާގައި ދައުވާކުރެވޭ ވަރަށް ހެކި ނެތްކަމަށްބުނެ މިމައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައެވެ.

ނަސީމަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ހުވައިކުރެއްވުމަށްފަހު، އަޙްމަދު ނަސީމް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

ހެލްތު މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަޙްމަދު ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.
އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ