އެންޖާސް އަތުން މޮޅުވި މެޗަށްފަހު ލިލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ލިލް އިން ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި

ލިލް އިން ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި

ފްރެންޗް ލީގުގެ ޗެމްޕިއަންކަން 10 އަހަރަށް ފަހު ލިލް އިން ހޯދައިފިއެވެ.

ލިލް އިން ޗެމްޕިއަންކަން ކަށަވަރުކުރީ ލީގުގެ ފަހު މެޗުގައި ރޭ އެންޖާސް އަތުން 1-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ލިލް އާއި އެންމެ ކައިރި ކުރީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ޕީއެސްޖީއެވެ. ޕީއެސްޖީއަށް ލީގުގެ ދެވަނަ ލިބުނީ 38 މެޗުން ލިބުނު 82 ޕޮއިންޓާއެކުއެވެ. ޗެމްޕިއަން ލިލް އަށް ލިބުނީ 38 މެޗު ކުޅެގެން 84 ޕޮއިންޓެވެ.

އެންޖާސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ލިލް އެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޖޮނަތަން ޑޭވިޑްއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ބުރަކް ޔިލްމާޒްއެވެ. މި މެޗުގައި އެންޖާސް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު ވަގުތުގައި މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ، އެންޖެލޯ ފުލްޔީނީއެވެ.

މި މެޗުގެ އިތުރުން ރޭ ފްރާންސް ލީގުގައި ޕީއެސްޖީ އާއި ބްރެސްޓް ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބްރެސްޓްގެ ރޮމެއިން ފާވްރޭ އަތުން ބައިކޮޅަށް ވަން ލަނޑުން ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. އަދި ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ.

މިއީ ފްރެންޗް ލީގު ލިލް އިން ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. އަނެއްކޮޅުން މިއީ މިދިޔަ ނުވަ އަހަރުގެ ތެރޭގައި ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ގެއްލުނު ދެވަނަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *