ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރު މަގުގައި ސައިކަލް ޕާކް ނުކުރެވޭ ގޮތް ހަދުމާއި ގުޅޭގޮތުން ކަމާއިބެހޭ ވުޒާރާތަކުން ދައްކާ ވާހަތައް ދިމާނުވެ، އެއްވުޒާރާ އަނެއްވުޒާރާއަށް ކޯޅެން ފަށައިފިއެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި، ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު މަގުގައި ޕާކްނުކުރެވޭ ގޮތް ހަދައިދޭން އެމްއެންޑީއެފުން އެދުމުން ޕާކިން ޒޯނެއް ހަދަން ބިން ހޯދަން ގޮތުން މާލޭ ސިޓީ ކައުންސިލުން މާޗް 23 ގައި ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް މީޑިއާގައި ލީކުކޮށްލާފައި ވާއިރު އެއީ އެމްއެންޑީއެފުން ފިޔަވަޅުތައް އަޅަމުންދާ ކަމުގެ ހެއްކެއް ކަމަށް ސިފައިންގެ ޗީފް ޝަމާލް ވަނީ ކުރިން ވިދާޅުވެފައެވެ.
ނީލޯފަރު މަގުގައި ސައިކަލް ޕާކް ކުރާތީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ދަތިވެގެން އެ މަގު ހުސްކުރަން ޑިފެންސް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްގައި އެދުމާއިއެކު، ހަމަ އެދުވަހު ދުވަހު ސިޓީ ކައުންސިލުން ވަނީ އެމަގު ހުސްކޮށް، އެމަގުގައި ޕާކް ކުރާ ވެހިކަލްތަކަށް ބިއްލޫރިޖެހިގޭ ގޯތިތެރޭގައި ޕާކިން ޒޯނެއް ހެދުމުގެ ހުއްދައަށް އެދި މިނިސްޓަރު އަސްލަމަށް ސިޓީއެއް ފޮނުވާފައެވެ.

ނަމަވެސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިންއިރުވެސް އެމަގުގައި ޕާކް ކުރުން މަނާކޮށްފައެއް ނުވެއެވެ. މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީ ސީދާ މިނިސްޓަރުގެ އަތްޕުޅަށް ލިބިވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވެފައި ވަނިކޮށް ރޭ މާލޭ ސިޓީ މޭޔަރު ޝިފާ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ސަރަހައްދުގައި އެންމެ ފަސޭހައިން ޕާކިން ޖާގައެއް ހެދުމަށް އެންމެ އެކަށޭނެ ޖާގައެއްގެ ގޮތުގައި ބެލެވެނީ ބިއްލޫރި ޖެހި ގެއިންކަމަށް ވާތީ އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ ގޯތި ދިނުމަށް އެދި 23 މާރޗް 2021 ގައި ހައުސިން މިިނިސްޓްރީއަށް ސިޓީ ފޮނުވާ އަދި ހަމަ މިސިޓީ މާލެ ސިޓީގެ މޭޔަރުގެ ފޯނުން ވަޓްސްއަޕް މެދުވެރިކޮށް މިނިސްޓަރ އަސްލަމަށް ފޮނުވާފައިވާނެ ކަމަށެވެ.
ނީލޯ ފަރު ހިނގުމަކީ ޕާކުނުކުރެވޭ މަގެއްކަމުގައި ހެދުމަށްޓަކައި އެކަން އަވަސްކުރުމުގެ ގޮތުން، މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމަށް އެކި ފަހަރުމަތިން ގުޅައި، ބިއްލޫރި ޖެހިގެ ނުވަތަ ވެށި ފެހި މާލެ ޕްރޮގްރާމްގެ ދަށުން އެ ސަރައްހަދުން ސަރުކާރަށް ލިބިފައިވާ ބިމެއްކަމަށްވާ ފޭދޫކޮށި (ބްލޮކް 139) ހަމަޖައްސާދިނުމަށާއި އަދި ފޭދޫކޮށި (ބްލޮކް 139) ހުޅުވައިގެން ކުރެހުމަށްޓަކައި އެތަނުގެ ތަޅުދަނޑި ޙަވާލުކޮށްދެއްވުމަށްވެސް ދަންނަވާފައިވާނެ ކަމަށް ޝިފާގެ ބަޔާނުގައި ވިދާޅުވިއެވެ. މިދެބިން މާލެ ސިޓީ ކައުންސިލްއާއި ޙަވާލުކުރުމަށް، މޭޔަރު އިންނެވި މަޖްލީހެއްގައި، ރައީސް ނަޝީދުވެސް މިނިސްޓަރ އަސްލަމްގެ އަރިހުގައި ދަންނަވާފައިވާކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ނީލޯފަރުމަގުގައި ޕާކް ނުކުރެވޭ ގޮތް ހަދަން ސިޓީ ކައުންސިލުން ނިންމީ މިއަހަރުގެ ޖަނަވަރީ މަހު ކަމަށެވެ. ނަމަވެސް މިނިސްޓްރީ އޮފް ޑިފެންސްގެ އެދިވަޑައިގަތުމާއިއެކު، ނީލޯފަރު ހިނގުމުގައި ހުރި ޕާކިން ޒޯން ނެގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރަންފެށުނު ކަމަށްވެސް ސިފާގެ ބަޔާނުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގޯޅިއަކީ ހަނި ގޯޅިއަކަށްވުމުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަރަށް ބޮޑަށް އުދަގޫވާކަމަށް ސަލާމަތީ ބާރުތަކުން އެކި ހާލަތްތަކުގައި ދަނީ ވިދާޅުވަމުންނެވެ. އެމްއެންޑީއެފަށް ލިބުނު މައުލޫމާތަށް ބަލައި ނަޝީދުގެ ރައްކަލަށްޓަކައި އެކަށީގެންވާ ފިޔަވަޅު ނާޅައި އޮތުމާއި އެ މައުލޫމާތު ފުލުހުންނާއި ސަރުކާރު އެހެން އެއްވެސް އިދާރާއަކާ ހިއްސާ ނުކޮށް އޮތް މައްސަލަ ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް ވަނީ ގެންގޮސްފަ އެވެ. ހަމަލާއާ ބެހޭ ގޮތުން ފުލުހުން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
މިހަމަލާއާއި ގުޅިގެން އެކި ވުޒާރާތަކާއި ހަވާލުވެ ތިއްބެވި ބޭފުޅުންނަށް ބޮޑެތި ތުހަމަތުތައް ކުރެވެމުންދާއިރު، މިމައްސަލައިގެން ޚާއްސަ ތަހުގީގެއްވެސް މިހާރު ދަނީ ކުރެވެމުނެވެ. މިކަމުގައި މިނިސްޓަރ މާރިޔާއާއި، މޭޖާ ޖެނެރަލް އަބްދުﷲ ޝަމަލާއި، ހައުސިން މިނިސްޓަރ އަސްލަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ