އަލް-އަޤްޞާ މިސްކިތާއި ފަލަސްތީނާއި ގުޅޭގޮތުން ހުކުރު ޚުތުބާއެއް އައުން ވަރަށް މުހިންމު ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ފަލަސްތީނުގެ މައުސޫމް އެތައް މުސްލިމުންނެއް ޝަހީދު ކުރަމުންދާ މިހާލަތުގައި ދިވެހި މުޅި މުޖުތަމައު އޮތީ އަލް-އަޤްޞާ މިސްކިތާއި ފަލަސްތީނާއި އެކުގައިކަން ދޭހަކަކޮށްދޭ ހުތުބާއެއް ވީހާވެސް އައުމަކީ މުހިންމު ކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިހާލަތުގައި ދިވެހި މުސްލިމު އަހުންނާއި ހުތުން ފަލަސްތީނަށް ނަސްރުދެއްވުމަށާއި، އަލް-އަޤްޞާ މިސްކިތް މުސްލިމުންގެ ބިނާއެއްގެ ގޮތުގައި ލެހެއްޓެވުމަށް ދުޢާކުރެއްވުމަކީ މުހިންމު ކަމެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
އަލް-އަޤްޞާ މިސްކިތާއި ފަލަސްތީނާއި ގުޅޭގޮތުން ހުކުރު ޚުތުބާއެއް އައުން ވަރަށް މުހިންމު ކަމަށްފެނޭ. ފަލަސްތީނަށް ހެޔޮ ދުޢާ ކުރަން ހިތްވަރުދީ ރައްޔިތުންގެ ހިތްތަކަށް އަލް-އަޤްޞާ މިސްކިތުގެ ހަނދާންތައް އާކޮށްދީ އަދުގެ ޖީލުތަކަށް އެތަނުގެ މުހިންމުކަން ބުނެދިނުން މުހިންމު.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ފަލަސްޠީނާ އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. ރަމަޟާން މަސް ފެށުނު ފަހުން އެ ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މައްސަލަ އިތުރަށް ގޯސްވީ މެއި މަހުގެ 7 ވަނަ ދުވަހު ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000 އަށްވުރެ ގިނަ މުސްލިމުން އަޤްޞާއަށް ގޮސް، އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލުމުންނެވެ.
ފާއިތުވެދިޔަ ހަފްތާގެ ހޯމަ ދުވަހު އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނާ ދެމެދު ކުރިޔަށްދާ ހަމަލާ ބަދަލުކުރުންތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ 119 މީހުން ޝަހީދުވެފައި ވާއިރު، އިސްރާއީލުގެ 8 މީހަކު ވަނީ މަރުވެފައެވެ. ގާޒާއާއި އިސްރާއީލާ ދެމެދު އެއް ހަފްތާވަންދެން މެދުނުކެޑި ކުރިޔަށް މި ހަމަނުޖެހުންތަކަކީ، 2014 ވަނަ އަހަރަށްފަހު ކުރިޔަށްދަ އެންމެ ބޮޑު ހަމަނުޖެހުމެވެ. ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު މިހާރު ކުރިޔަށް ދާ ހަގުރާމައިގެ ސަބަބުން، ވައިގެ ސަރަހައްދުން ދަތުރުކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، މި ސަރަހައްދު ދަތުރުކުރުން އެއަރލައިންތަކުން މިހާރުވަނީ ހުއްޓާލާފައެވެ.
އިސްރާއީލާ ފަލަސްތީނާ ދެމެދު މިހާރު ހިގަމުންދާ ހަމަނުޖެހުންތައް ފެށިފައިވަނީ، 1967ގެ ހަގުރާމާގައި އިސްރާއީލުން ހިފާފައިވާ އިރުމަތީ ޖެރޫސެލަމްގެ ޝެއިޚް ޖައްރާއިން ފަލަސްތީނު ރައްޔިތުން ބޭރުކުރުމުގެ މަސައްކަތް އިސްރާއީލުން ފެށުމާއި ގުޅިގެންނެވެ. މިގޮތުން ހިގަމުންދާ ސަރަހައްދުތަކުގެ ތެރޭގައި، ޝެއިޚް ޖައްރާއާއި، އަރަބި-އިސްރައީލު މީހުން ދިރިއުޅެމުންދާ އަވަށެއް ކަމުގައިވާ ހައިފާވެސް ހިމެނެއެވެ.
ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދީފައި މިވަނީ، ފާއިތުވެދިޔަ ހަފްތާތަކުގައި އަލް-އަގްސާ މިސްކިތުގައި ހިގަމުންދިޔަ ހަމަނުޖެހުންތަކަށްފަހު، އިސްރާއީލުގެ ސެކިއުރިޓީ ފޯސްތަކުން އަލް-އަގުސާ މިސްކިތް ދޫކޮށް ދިއުމަށް، ގާޒާގައި ވެރިކަން ކުރަމުންދާ ހަމާސްގެ އިސްވެރިން އިސްރާއިލަށް ދިން މުހުލަތު ފާއިތުވެގެން ދިއުމަށް ފަހުއެވެ.
ކޮމެންޓު ފޮނުވާ