ވެންޓިލޭޓަރުތައް ރާއްޖެއަށް ހޯދުމުގެ މައްސަލާގައި އެއްވެސް މަޢުލޫމާތެއް މަޖިލީހަށް އިޅުވާލާފައި ނުވާނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި ދުބާއީގެ ކުންފުންޏާ ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިންކަމަށް މިނިސްޓަރ އަމީން މަޖިލީހުގައި ވިދާޅުވެފައިވީ ނަމަވެސް ޑަބްލިއުއެޗްއޯގެ ލަފާ ހޯދާފައިނުވާކަމަށް ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވުމުން މަޖިލީހުން ވަނީ މިނިސްޓަރ އަމީން މަޖިލީހަށް ދޮގު މަޢުލޫމާތު ދިންކަމަށް ތުހުމަތުކޮށް އެމައްސަލަ އިމްތިޔާޒްތަކާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާފައެވެ.

މިމައްސަލައާއި ގުޅިގެން މިއަދު ކޮމިޓީއަށް ޙާޒިރުކުރުމުން މިނިސްޓަރ އަމީން ވިދާޅުވީ މިހާތަނަށް މަޖިލީހަށް ދޮގު މަޢުލޫމާތެއް ހިއްސާކޮށްފައި ނުވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ އޭރުގެ ހާލަތުގައި މިނިސްޓްރީން މަސައްކަތްކުރީ ވީހާވެސް އަވަހަށް ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނެވޭނެ ގޮތަކަށްކަމަށާއި، މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯގެ ލަފާ ހޯދާފައިވާކަމަށެވެ.
ޑަބްލިއުއެޗްއޯގެ އެކި މުވައްޒަފުން އެކި މަރުހަލާތަކުގައި އެމުއާމަލާތުގެ ތެރޭގައި ހިމެނިފައިވާކަން ދައްކުވައިދެނީ ޑަބްލިއުއެޗްއޯގެ ދައުރު މިކަމުގައި އޮތްކަމެއްކަން. ޑަބްލިއުއެޗްއޯއާއި ގުޅުމެއް ނެތް ފަރާތަކުން އެހެން ދިމާލަކުން މައުލޫމާތު ހޯދައިގެން ކުރެވުނު ކަމެއްނޫން އެކަމަކީ. އަޅުގަނޑު އަދިވެސް ދަންނަވާނީ އަދި ފަހުންވެސް ދަންނަވާނީ މިމުއާމަލާތަކީ ޑަބްލިއުއެޗްއޯއާއެކު ކުރެވު މުއާމަލާތެކޭ.
ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން
މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތްކުރީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ވެންޓިލޭޓަރުތައް ހޯދުމަށެވެ. ނަމަވެސް އޭރުގެ ޙާލަތުން ވެންޓިލޭޓަރުތައް ގެނައުމަށް ޑަބްލިއުއެޗްއޯއާ މުއާމަލާތްކުރަން ޖެހުނީ ވެންޓިލޭޓަރުތައް ގެނައުމަށް އޭރު ހަވާލުކުރި ދިވެހި ކުންފުނިތަކަށް އެތަކެތި ގެނެވޭނެކަމުގެ ޔަޤީންކަން ނެތުމުންކަމަށެވެ. ޑަބްލިއުއެޗްއޯއާއެކު މުއާމަލަތްކޮށް އެތަކެތި ގެންނަން ނިންމީ އޭރުގެ ޕްރޮޖެކްޝަންތައް ހުރިގޮތުން ވަރަށް ގިނަ ބައެއްގެ ފުރާނަ ދިއުމުގެ ބިރު އޮތުމުންކަމަށް މިނިސްޓަރ ވިދާޅުވިިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގެ އެވަގުތު ހާލަތަށް ރިޔާއަތްނުކޮށް މިކަމުގައި ގޮތެއް ނިންމައިފިނަމަ އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީގެ މުވައްޒަފުންވެސް މަސައްކަތްކުރީ ފައިދާއެއްގެ ހޯދުމުގެ ބޭނުމުގައި ނޫންކަމަށާއި، އެއީ ހެޔޮ ނިޔަތުގައި ކުރި މަސައްކަތެއްކަމަށެވެ. އަދި އެއީ އޭރުގެ ޙާލަތުން އަވަހަށް އަރައިގަތުމަށް ކުރި މަސައްކަތެއްކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ