ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާނުކުރަން ނިންމީ ޖިނައީ ދައުވާއެއް އުފުލޭވަރާއި ގާތަށްވެސް ހެކި އޭސީސީއަށް ހުށަހެޅިފައި ނެތުމުން ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބު ހަމާކުރައްވައި ޕީޖީ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ޤާނޫނާއި ޚިލާފް ކޮންމެ ކަމަކީ ކޮރަޕްޝަނަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް ވަކި މަންފާއެއް އެކަމުގައި އެކުލެވޭނަމަ އެކަމެއް ކޮރަޕްޝަނަށް ވާނެކަމަށެވެ.
ޕީޖީ ވިދާޅުވީ އެއޮފީހުން މަސައްކަތް ކުރަނީ އިދާރީ ގޮތުން މިކަމުގައި އަމަލުކޮށްފައިވާ މީހުން އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް ނޫންކަމަށެވެ. އެއޮފީހުގެ ޒިންމާއަކީ ޖިނާއީ ގޮތުން މިމައްސަލާގައި ދައުވާ ކުރެވޭނެ ހާލަތެއް އޮތްތޯ ބެލުންކަމަށެވެ. ނަމަވެސް އޭސީސީން ފޮނުވާފައިވާ ތަހުގީގަށް ބަލައި މިމައްސަލާގައި ދަޢުވާ ކުރެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވި 11 ބޭފުޅުންނާއިމެދުވެސް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް ވަރަކަށް ކޯޓެއްގައި ސާބިތުކޮށްދެވޭނެ ވަރުގެ ހެކިހުރި މައްސަލަތަކެއް ނޫންކަމަށެވެ. ޕީޖީ ޝަމީމްވަނީ މިމައްސަލާގައި ވަކިވަކި ބޭފުޅުންނަށް ކޮށްފައިވާ ދައުވާތަކުގައި ހުރި ކަންކަން ފާހަގަކޮށްފައެވެ.
ވެންޓިލޭޓަރު ހޯދުމުގަައި މަޤާމުގެ ނުފޫޒު ބޭނުންކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތާއެކު ޙެލްތު މިނިިސްޓަރ ޢަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ:
މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު ގއ.ދާންދޫ / ހަނދުވަރީވާދީ
މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ކ.ގުރައިދޫ / ފަތިސްހަނދުވަރުގެ، ނައުޝާދު ޢަލީ
މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ / ނޫރާނީހިޔާ، އާމިނަތު ޝައުފާ
މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، މ.ހަޒާރީވިލާ / ކ.މާލެ، ފާޠިމަތު ލިމްޔާ
މީގެ އިތުރުން 75 ވެންޓިލޭޓަރު ގެނައުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް ކުރާ ތުހުމަތާގުޅިގެންނެވެ.
– ޙެލްތު މިނިސްޓަރ ޢަބްދުﷲ އަމީން
– ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، އަޙްމަދު އަސްލަމް
– މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު
– މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ޙަފީޘް
– މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް،
– މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޙުސައިން ނިޔާޒް
– މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފް
ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން މިދިޔަ މެއި މަހުން ފެށިގެން އޭސީސީން އައީ އެ މައްސަލަ ބަލަމުންނެވެ. އަދި އޮޑިޓް ރިޕޯޓުގައިވާ ކަންކަން ތަޙްޤީޤު ކުރުމަށް ރައީސް އޮފީހުން އެންގެވުމާ ގުޅިގެން ފުލުހުންނާއި ގުޅިގެން އެކަން ތަޙްޤީޤުކޮށް ވެންޓިލޭޓަރު ހޯދުމުގައި މާލިއްޔަތު ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
މި ތުހުމަތުތަކާއެކު ތަޙްޤީޤީ އިދާރާތަކަށް އެއްބާރުލުންދީ ތަޙްޤީޤަށް ޖާގަ ދިނުމުގެ ގޮތުން ޙެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ، ތަޙްޤީޤު ނިމެންދެން އަމިއްލަފުޅަށް މަސްޢޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފައެވެ. ނަމަވެސް ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ ސަސްޕެންޑްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގެވުމުންނެވެ.
ކޮމެންޓު ފޮނުވާ