މުސްލިމަކު އޭނާގެ ޛިންމާގައި ގަޟާ ކުރަން ޖެހިފައިވާ ނަމާދު ތަކުގެ މައްސަލާގައި ތިން ޙާލަތުން ކުރެ އެއް ޙާލަތެއްވެއެވެ.
ފުރަތަމަ: ނަމާދު ދޫކޮށްލެވިފައިވަނީ ހަނދާން ނެތިގެން ނުވަތަ ނިދުމުގެ ސަބަބުން ކަމުގައިވުން. މި ޙާލަތުގައި ހަނދާންވުމުން ނުވަތަ ހޭލެވުމުން އަވަހަށް ނަމާދު ގަޟާ ކުރަން ޖެހޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (من نسي صلاة أو نام عنها فكفارتها أن يصليها إذا ذكرها) رواه البخاري ( 572 ) ومسلم ( 684 ). މާނައަކީ: "ހަނދާން ނެތިގެން ނުވަތަ ނިދިގެން ނަމާދު ދޫކޮށްލައިފި މީހާގެ ކައްފާރާ އަކީ ހަނދާންވުމުން ނުވަތަ ހޭލެވުމުން އެނަމާދު ކުރުމެވެ."
އެނަމާދުތައް ކުރާނީ އޭނާގެ މައްޗަށް ވާޖިބުވެފައިވާ ތަރްތީބުންނެވެ. ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. أن عمر بن الخطاب رضي الله عنهم جاء يوم الخندق بعد ما غربت الشمس فجعل يسب كفار قريش قال : يا رسول الله ما كدت أصلي العصر حتى كادت الشمس تغرب ، قال النبي صلى الله عليه وسلم : والله ما صليتها ، فقمنا إلى بطحان فتوضأ للصلاة وتوضأنا لها فصلَّى العصر بعد ما غربت الشمس , ثم صلى بعدها المغرب . رواه البخاري ( 571 ) ومسلم ( 631 ) . މާނައަކީ: "ޚަންދަގު ހަނގުރާމައިގެ ދުވަހުގައި އިރުއޮއްސުނުފަހުން ޢުމަރު ބިން އަލްޚައްޠާބް ވަޑައިގެން ގުރައިޝް ވަންހައިގެ ކާފަރުންނަށް އެއްޗެތި ގޮވަން ފެއްޓެވިއެވެ. ވިދާޅުވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. އިރުއޮއްސެން ކައިރިވެފައިވަނިކޮށް މެނުވީ އަހަންނަކަށް ޢަޞްރު ނަމާދެއް ނުކުރެވުނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "މާތް ﷲ ގަންދީ ބުނަމެވެ. ތިމަން ކަލޭގެފާނު އަދި ނަމާދެއް ނުކުރައްވަމެވެ. އެހިނދު އަޅުގަޑުމެން އެންމެން ބަޠްޙާނޭ ކިޔުނު ތަނެއްގައި ވުޟޫކުރީމެވެ. އަދި އިރުއޮއްސުނު ފަހުން ޢަޞްރު ނަމާދު ކުރެއްވިއެވެ. މަޣްރިބް ނަމާދު ކުރެއްވީ އޭގެ ފަހުންނެވެ."
ދެވަނަ: ހޭނެތުންފަދަ ޙާލަތެއް މެދުވެރި ވުމުގެ ސަބަބުން ނަމާދު ދޫކޮށްލުން، މިޙާލަތުގައި ނަމާދު އަލުން ގަޟާ ކުރާކަށް ނުޖެހޭނެއެވެ. އެފަދަ މީހެއްގެ މަތިން ނަމާދުގެ ފަރްޟިއްޔަތުވަނީ ކެނޑިފައެވެ.
ތިންވަނަ: އެއްވެސް ޢުޛުރަކާ ނުލާ ގަޞްދުގައި ނަމާދު އަޅާފައިވުން. މިހެންވެއްޖެނަމަ ދެޙާލަތުން ކުރެ އެއް ޙާލަތެއް މެދުވެރިވާނެއެވެ.
- އޭނާ ނަމާދު ދޫކޮށްލާފައިވަނީ ނަމާދަކީ ވާޖިބު އެއްޗެއް ކަމާއި މެދުގައި ދެކޮޅު ހަދާ އެކަމަށް އިންކާރު ކުރުމުގެ ސަބަބުން ކަމަށް ވަނީނަމަ އެމީހަކު އެވަނީ ދީނުން ބޭރުވެ ކާފިރުވެފައި ކަމާއި މެދުގައި ޚިލާފެއް ނެތެވެ. އެފަދަ މީހަކީ މުސްލިމެއް ނޫނެވެ. އެފަދަ މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ އަލުން ޝަހާދަތް ކިޔާ އިސްލާމްވެ، އިސްލާމްދީނުގެ ރުކުންތަކާއި ވާޖިބު ތަކަށް ރައްކާތެރިވުމެވެ. އޭނާގެ ކުފުރުގެ ދުވަސްވަރުގައި ނުކޮށް ދޫކޮށްލާފައިވާ ނަމާދުތައް އަލުން ގަޟާ ކުރާކަށް ނުޖެހޭނެއެވެ.
- އޭނާ ނަމާދު ދޫކޮށްލާފައިވަނީ ކަންނެތް ކަމުންނާއި ފަރުވާ ކުޑަ ކަމުން ކަމުގައިވަނީނަމަ، ގަޟާ ކުރުމެއް ނެތެވެ. ސަބަބަކީ އޭނާ ނަމާދު ދޫކޮށްލާފައިވަނީ ޢުޛުރެއް އޮވެގެންނެއް ނޫނެވެ. ﷲ ތަޢާލާ އެނަމާދު ވާޖިބު ކުރައްވާފައިވަނީ ވަކި ޒަމާނެއްގައި ވަކި ވަގުތެއްގައި ކުރުމަށެވެ. ސޫރަތުއް ނިސާގެ 103 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا) މާނައަކީ: " ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ عَمِلَ عَمَلا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ) رواه البخاري (2697) ومسلم (1718 ). މާނައަކީ: "ތިމަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވިގޮތް ނޫން އެހެން ގޮތަކަށް ކޮށްފި ކޮންމެ ޢަމަލަކީ އެމީހަކަށް ރައްދުވެގެންވާ ކަމެކެވެ." މިފަދަ މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ ރަގަޅު ތައުބާ އަކުން ތައުބާވުމެވެ. ކުރިން ކުރެވިފައިވާ ކަންތަކާއި މެދު ހިތާމަކޮށް، ދެން އެފަދަ ކަމެއް ނުކުރުމަށް ޢަޒުމްކުރުމެވެ. އަދި ފާފަ ފުއްސަވައިދެއްވުން އެދި ގިނަގިނައިން ﷲ އަށް ދެންނެވުމެވެ. ސޫރަތުއް ނޫރުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ) މާނައަކީ: " ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (التائب من الذنب كمن لا ذنب له ) މާނައަކީ: "ފާފަ އަކުން ތައުބާވާ މީހާ ފާފަ އެއް ނުކުރާ ފަދައެވެ."
އަނެއް ކަމަކީ ނުހިފައި ދޫކޮށްލެވިފައިވާ ރޯދަތަކުގެ މައްސަލަ އެވެ.
ރޯދަ ތައް ދޫކޮށްލެވިފައިވަނީ ނަމާދު ނުކުރާ ދުވަސްވަރުގައި ކަމަށްވަނީނަމަ، އެދުވަސް ވަރުގައި ދޫކޮށްލާފައިވާ ރޯދަތައް ގަޟާ ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ނަމާދު ދޫކުރާ މީހަކީ ދީނުން ބޭރުވެފައިވާ މީހެކެވެ. ކާފަރަކު އިސްލާމްވުމުން ކުރީގައި އޭނާ ދޫކޮށްލާފައިވާ ރޯދަތައް ގަޟާ ކުރާކަށް ނުޖެހެއެވެ.
ރޯދަތައް ދޫކޮށްލެވިފައިވަނީ ނަމާދު ކުރަމުން ގެންދިޔަ ދުވަސްވަރެއްގައިނަމަ، ދެޙާލަތެއްވެއެވެ.
ފުރަތަމަ: ރޭގަނޑުއްސުރެ ރޯދަ ހިފުމަށް ނިޔަތް ގަންފައިނުވުން، އަދިކިއެއްތަ، ނިޔަތަކީ ރޯދަ ނުހިފުމެވެ. މިފަދަ މީހާގެ ކިބައިން ރޯދަ ގަޟާ ކުރުން ޞައްޙަ އެއް ނުވާނެއެވެ. ސަބަބަކީ ކަނޑައެޅިފައިވާ ވަގުތުގައި ޢުޛުރެއްނެތި އެކަން ނުކޮށް ދޫކޮށްލުމެވެ.
ދެވަނަ: ރޯދަ ހިފަން ފަށާފައި ރޯދަ ދޫކޮށްލުން، މި ޙާލަތުގައި ދޫކޮށްލާފައިވާ ރޯދަތައް ގަޟާ ކުރަން ޖެހޭނެއެވެ. ސަބަބަކީ ރަމަޟާން މަހު ދުވާލު ޖިމާޢުވީ މީހާ އަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވަނީ ގެއްލުނު ދުވަހުގެ ބަދަލުގައި ރޯދަ އެއް ހިފުމަށެވެ.
ޢުޛުރަކާ ނުލާ ރަމަޟާންމަހު ދުވާލު ރޯދަ ދޫކޮށްލާ މީހާގެ ޙުކުމަކީ ކޮބައިތޯ ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީނާއި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ.
"ޢުޛުރަކާ ނުލާ ރަމަޟާން މަހު ދުވާލު ރޯދަ ދޫކޮށްލުމަކީ ބޮޑު ފާފަ އެކެވެ. އޭގެ ސަބަބުން އިންސާނާ ފާސިގަކަށް ވެދެއެވެ. އެފަދަ މީހުން ﷲ އަށް ތައުބާވާން ޖެހޭނެއެވެ. އަދި ނުހިފާ ދޫކޮށްލި ރޯދަ ގަޟާ ކުރަން ޖެހޭނެއެވެ. ޔަޢްނީ ރޯދަ ހިފަން ފަށާފައި ވަކި ހިސާބަކުން ރޯދަ ދޫކޮށްލައިފި މީހާ ފާފަވެރިވާނެއެވެ. އަދި ދޫކޮށްލި ރޯދަ ފަހުން ގަޟާ ކުރަން ޖެހޭނެއެވެ. ނަދުރު ފަދައިން އެއީ ފަރްޟެއް ކަމަށް ގަބޫލުކޮށްގެން އެކަން ކުރަން ފަށާފައި ދޫކޮށްލައިފި މީހާ އަލުން އެކަން ގަޟާ ކުރަން ޖެހޭނެއެވެ.
ނަމަވެސް ޢުޛުރަކާ ނުލާ ގަޞްދުގައި ރޯދަ ދޫކޮށްލައިފި މީހާގެ މައްސަލާގައި ރާޖިޙް ގޮތަކީ އެފަދަ މީހުން ރޯދަ ގަޟާ ކުރަން ނުޖެހުމެވެ. ސަބަބަކީ އެފަދަ މީހުން ރޯދަ ހިފިނަމަވެސް އެޔަކުން އެބައިމީހުންނަށް އެއްވެސް ފައިދާ އެއް ނުކުރާނެއެވެ. ފިގްހީ ގާޢިދާ އެއްގައި އޮންނަނީ ވަގުތު ކަނޑައެޅިފައިވާ އަޅުކަމެއްގައި، ޢުޛުރަކާ ނުލާ ވަގުތަށް ވުރެ ލަސްކޮށްފިނަމަ އެކަމެއް އެމީހެއްގެ ކިބައިން ގަބޫލެއް ނުކުރައްވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ عَمِلَ عَمَلا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ) رواه البخاري (2697) ومسلم (1718 ). މާނައަކީ: "ތިމަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވިގޮތް ނޫން އެހެން ގޮތަކަށް ކޮށްފި ކޮންމެ ޢަމަލަކީ އެމީހަކަށް ރައްދުވެގެންވާ ކަމެކެވެ." އަދި އެފަދަ މީހާ ﷲ ގެ ޙައްދުތައް ފަހަނަ އަޅާ ދިޔުމުގެ ސަބަބުން އެވަނީ އަމިއްލަ ނަފްސަށް އަނިޔާވެރި ވެފައެވެ. އަނިޔާވެރިންގެ ކިބައިން އެއްވެސް ކަމެއް ގަބޫލެއް ނުކުރައްވާނެއެވެ. ސޫރަތުލް ބަގަރާގެ 229 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَعَدَّ حُدُودَ اللَّـهِ فَأُولَـٰئِكَ هُمُ الظَّالِمُونَ) މާނައަކީ: "އަދި اللَّه ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ އަނިޔާވެރިންނެވެ." ވަގުތު ކަނޑަ އެޅިފައިވާ އަޅުކަމެއް އެވަގުތެއްގެ ކުރިން ކުރިނަމަވެސް ނުވަތަ ވަގުތުގެ ފަހުން ކުރިނަމަވެސް ގަބޫލެއް ނުކުރައްވާނެއެވެ. ނަމަވެސް ޢުޛުރުވެރިން މިކަމުން އިސްތިޘްނާ ވެގެންވެއެވެ.
(މަޖްމޫޢު ފަތާވާ އައްޝައިޚް އިބްނު ޢުޘައިމީން 19/ 45 ނަމްބަރު ސުވާލު).
މިފަދަ މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ ކުރެވިފައިވާ ފާފަތަކަށް ތެދުވެރި ތައުބާ އަކުން ތައުބާވުމެވެ. އަދި މާތް ﷲ ވާޖިބު ކުރައްވާފައިވާ ކަންތައްތަކަށް ފުރިހަމަ އަށް ރައްކާތެރިވުމެވެ. އަދި މުންކަރާތްތައް ދޫކޮށްލާ ސުންނަތް ކަންތަކާއި ޞަދަގާތް ކުރުމުން މާތް ﷲ އާއި ކުއްތަންވުން އިތުރު ކުރުމެވެ. والله أعلم
އެޑިޓަރުގެ ނޯޓް: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.