ކޯވިޑް-19ގެ ޙާލަތާއިގުޅިގެން ރާޢްޖެއަށް ވެންޓިލޭޓަރު ހޯދުމުގަައި މަޤާމުގެ ނުފޫޒު ބޭނުންކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތާއެކު ޙެލްތު މިނިިސްޓަރ ޢަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ޙަވާލުކުރުމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ދިރާސާކުރުމަށްފަހު، އެމައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމައި، އިއްޔެ އެމައްސަލަ ޑިކްލައިންކޮށްފައިވާކަމަށެވެ. މި ނިންމުން ބިނާވެފައިވާ ސަބަބުތަކާއި، މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފަހުން ޙިއްޞާކުރާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލް މިއަދު މެންދުރު13:00 ގައި ބާއްވާ ޕްރެސްކޮންފަރެންސްގައި ހާމަކުރައްވާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ވެންޓިލޭޓަރު ހޯދުމުގަައި މަޤާމުގެ ނުފޫޒު ބޭނުންކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތާއެކު ޙެލްތު މިނިިސްޓަރ ޢަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
މި މައްސަލައާއި ގުޅިގެން އޭސީސީން ވިދާޅުވެފައިވަނީ މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމަށް ނިންމާފައިވަނީ އެ ކުންފުނީގެ މާލީ ޤާބިލްކަމާއި ތަޖުރިބާއަށް ބެލުމެއްނެތި ޑިއުޑިލިޖެންސް ހަދާފައިނެތީސްކަން އެނގޭކަމަށެވެ. އޭސީސީން ވަނީ މިކަމުގައި މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރުންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ކުރާ ތުޙުމަތާގުޅިގެން ކުރެވުނު ތަޙުޤީޤަށްފަހު 4 ފަރާތެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ:
ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން މިދިޔަ މެއި މަހުން ފެށިގެން އޭސީސީން އައީ އެ މައްސަލަ ބަލަމުންނެވެ. އަދި އޮޑިޓް ރިޕޯޓުގައިވާ ކަންކަން ތަޙްޤީޤު ކުރުމަށް ރައީސް އޮފީހުން އެންގެވުމާ ގުޅިގެން ފުލުހުންނާއި ގުޅިގެން އެކަން ތަޙްޤީޤުކޮށް ވެންޓިލޭޓަރު ހޯދުމުގައި މާލިއްޔަތު ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
މި ތުހުމަތުތަކާއެކު ތަޙްޤީޤީ އިދާރާތަކަށް އެއްބާރުލުންދީ ތަޙްޤީޤަށް ޖާގަ ދިނުމުގެ ގޮތުން ޙެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ، ތަޙްޤީޤު ނިމެންދެން އަމިއްލަފުޅަށް މަސްޢޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފައެވެ. ނަމަވެސް ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ ސަސްޕެންޑްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގެވުމުންނެވެ.
ކޮމެންޓު ފޮނުވާ