އިންޑިއާގައި މިހާރު ކޮންޓްރޯލުން ނައްޓާފައިވާ ކޯވިޑްގެ ބަލިމަޑުކަމުން އެގައުމު އަރައިގަތުމަށް ކުރެވޭ އެކިއެކި މަސައްކަތްތަކަށް އެހީވުމަށް، އެގައުމުގެ ލެޖެންޑަރީ ލަވަކިއުންތެރިޔާ ލަތާ މަންގޭޝްކަރް 7 ލައްކަ ރުޕީސްގެ އެހީއެއް ދީފިއެވެ.
ލަތާ މި އެހީ ދީފައިވަނީ ފިލްމު ސިޓީ މުމްބާއީ ހިމެނޭ މަހާރާޝްޓްރާ ސްޓޭޓްގެ ޗީފް މިނިސްޓަރ އެކުލަވާލާފައި ވާ ކޯވިޑް ރިލީފް ފަންޑަށެވެ. ޗީފް މިނިސްޓަރ އުއްދޭވް ޓާކްރޭ ވަނީ މި އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ. އަދި މި އެހީ ބޭނުން ކުރާނީ ކޯވިޑާދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ކަމަށް ޗީފް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ވީހާވެސް ގިނަ ފަރާތްތަކަކުން މި ފަންޑަށް އެހީތެރިވެދިނުމަށް ޗީފް މިނިސްޓަރ ވަނީ އެދިވަޑައިގެންފަ އެވެ.
މަހާރާޝްޓްރާ ސްޓޭޓަކީ އިންޑިއާއަށް އައި ކޯވިޑް ޕެންޑަމިކްގެ ދެވަނަ ރާޅުގައި އެންމެ ބޮޑަށް ހާލަތުގޯސްވި އެއް ސްޓޭޓެވެ.
އިންޑިއާއިން ކޯވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުވަނީ ދުވާލަކު 4 ލައްކައަށްވުރެ މައްޗަށް އަރާފައެވެ. އަދި ހާލުދެރަވާ މީހުނަށް ފަރުވާ ދިނުމާއި އޮކްސިޖަން ލިބުމުގެ ދަތިކަމާއި ބަލީގައި މަރުވާމީހުންގެ ހަށިތަށް ނައްތާލުމުގައިވެސް އެތައްގިނަ ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.
އުމުރުން 91 އަހަރުގެ ލަތާ މަންގޭޝްކަރަކީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއިން މިހާރު ދުނިޔޭގައި ތިބި އެންމެ ދުވަސްވީ މީހުންގެތެރެއިން އެކަކެވެ. ބޮލީވުޑްގެ އެތަކެއް ހާސް ފިލްމުތަކަކަށް އެނާވަނީ ލަވަ ކިޔައިދީފަ އެވެ. އަދި އޭނާއަކީ މުޅި އިންޑިއާގައި ވެސް ހާއްސަ ގަދަރަކާއި އިހްތިރާމެއް ދީފައިވާ ފަންނާނެކެވެ.