ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ތަރައްޤީއަށް ހިންގި އެއްވެސް މަޝްރޫއަކުން އިޤްތިޞާދަށް މަންފާއެއް ލިބެމުން ނުދާކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 171 ވަނަ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވަނީ ދައުލަތުން ނަގާފައިވާ ދަރަނި އަދާކުރާނެކަމުގެ ފުރިހަމަ އިތުބާރު ރައީސް ޞާލިހާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް އެބައޮތްކަމަށެވެ. ދަރަނި އަދާކުރުމަށް މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ 2012 އިން 2018 އަށް އެއްވެސް ޕްލޭނެއްނެތި ނެގި ދަރަނީގެ ސަބަބުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދަރަންޏަށް މިއަދު ބުރަބޮޑުވެފައިވަނީ ދަރަނި ނަގާފައިވާ ގޮތުންކަމަށެވެ. ޚާއްސަކޮށް ބޮޑެތި ދަރަނިތައް ނަގާފައިވަނީ ކޮމާޝަލް ބޭންކުތަކާއި، ވިޔަފާރީގެ ބޭންކުތަކުންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ދަރަނިން ހިންގާފައިވާ ޕްރޮޖެކްޓްތަކަކީ އެ ޕްރޮޖެކްޓްތަކުން ދައުލަތަށް އާމްދަނީއެއް ލިބި އިޤްތިޞާދަށް ހީނަރުކަމެއް އަންނަމުންދާ މަޝްރޫޢުތަކެއް ނޫންކަމަށެވެ.
މިދަރަންޏަކީ އަޅުގަނޑުމެނަކު ނެގި ދަރަންޏެއް ދައްކާން ޖެހިގެން އުޅެނީއަކީއެއް ނޫން. ދަރަނީގެ ބޮޑުބަޔަކީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދުގައި އުފައްދާފައިވާ ދަރަނި. އަދި ވަކިން ޚާއްސަގޮތެއްގައި ކޮމާޝަލް ބޭންކުތަކުން، ވިޔަފާރި ބޭންކުތަކުންނާއި، ވިޔަފާރި މުއައްސަސާތަކުން ނަގާފައިވާ އުގަނދޫ ދަރަނި. ދޭދޭ ޤައުމުތަކުން ނަގާފައިވާ ދަރަނި. އަދި ބައިނަލް އަޤުވާމީ މުއައްއަސާތަކުން ނަގާފައިވާ ދަރަނި، ލޯނު އެއީ އަނބުރާ ދައްކަން ބޮޑު ބުރައެއް އުފާލާންޖެހޭ ބާވަތުގެ ދަރަންޏެއްނޫން. އުގަނދޫވެ މިދަނީ ބޮޑު ބުރައެއް އުފުލާންޖެހޭ ދަރަނި.
– ރައީސް ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ދަރަނި ކިތަންމެ ބޮޑުވި ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަވާނެ ކަމެއްނޫންކަމަށެވެ. ކުޑަކުރާ ކޮންމެ ޚަރަދަކީ އާންމު ރައްޔިތުންގެ ދިރިއުޅުމާއި ގުޅޭނެ ޚަރަދަކަށްވުމުން މިކަން ކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށެވެ. އަދި ޚާއްސަކޮށް ކޯވިޑްގެ މިހާލަތުގައި ދައުލަތުން ކުރަމުންދާ ޚަރަދު ކުޑަކުރުމަކީ ފަސޭހަ ކަމެއްނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ތެދެއްމެ އުމްރާނީ ގިނަ ބިނާތަކެއް އެބަފެނޭ. އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެންގެ ވާދަވެރިކަން އެވާހަކަ އަބަދުމެ އެބަދައްކާ. ބްރިޖް.، މަގުތައް، ހުޅުމާލެ ފްލެޓާއި، 7000 ފްލެޓާއި، 3000 ފްލެޓާއި، ހޮސްޕިޓަލާއި، ހުޅުމާލޭގެ އެކި އެކި މަސައްކަތް. މީގެއިން އެއްވެސް މަސައްކަތަކުން އަޅުގަނޑުމެންނަށް އިޤްތިޞާދީ މަންފާއެއްނުލިބޭ. އަޅުގަނޑު ދަންނަވާލަން ބޭނުމީ ޚަރަދު ކުޑަކުރުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަކަމެއްނޫނޭ. އެކަން ގުޅެނީ އާންމު ރައްޔިތުންގެ ޚަރަދުތަކާއި، އެކަން ކުރަންޖެހޭނީ ވަރަށް ބަލައިގެން.
– މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުވަނީ ފިނޭންސް މިނިސްޓްރީން ދެއްވާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް މަޖިލީހުން އެކުލަވާލި ރިޕޯޓް އާންމުކޮށްފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ދަރަނި އިންތިހާއަށްބޮޑުވެ މިއަދު ދަރަނި އަދާކުރަން ޖެހިފައިވަނީ 2012 އިން 2018 އަށް ދަރަނި ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުންކަމަށެވެ.
ކޮމެންޓު ފޮނުވާ