ދަރްމާ ޕޮރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2″ގެ ކާސްޓިން ކާތިކް އާރިޔަން ވަކިކޮށްފައިވާއިރު، ވަކިކުރި ސަބަބެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން އެކި ފަރާތްތަކުންދަނީ އެކި ކަހަލަ ވާހަކަ ދައްކަމުންނެވެ.
ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން ވަނީ މިކަމާއި ގުޅިގެން ބޮލީވުޑް ހަންގާމާއަށް ރިޕޯޓެއް ދީފައެވެ. މި ފަރާތުން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ "ދޯސްތާނާ 2″ އަށް ކާތިކް ނެގީ އޭނާގެ މުސާރާއިގެ ގޮތުގައި 2-3 ކަރޯޑް ރުޕީސް ހަމަޖައްސާފަ އެވެ. އެއީ 2019 ވަނަ އަހަރު އެވެ.
ދެ އަހަރު ފާއިތުވެފައިވާއިރު މާކެޓުގައި ކާތިކްގެ އަގު އަރާ އޭނާގެ އަގު ވަނީ 10 ކަރޯޑް ރުޕީސްއަށް އަރާފައެވެ. އަދި އޭނާ ވަނީ ކަރަން ޖޯހަރާ ވާހަކަ ދައްކާ އޭނާގެ މުސާރަ ބޮޑުކުރުމަށް އެދިފަ އެވެ. އެހެންނަމަވެސް ފިލްމުގެ މެދުތެރެއިން މި ކަހަލަ ކަމެއް ކުރުމަށް ނުފެންނާތީ ދެފަރާތުން ވެސް އެއްބަސްވީ ދަރްމާގެ އިތުރު ފިލްމެއް ކާތިކަށް ދިނުމަށެވެ.
"މިސްޓަރ ލެލޭ" ކާތިކް ދޭން ހަމަޖައްސާފައިވަނިކޮށް ފަހުން މި ފިލްމު ދީފައިވަނީ ވިކީ ކޯޝަލްއަށެވެ. މި ކަމާ ގުޅިގެން ވެސް ކާތިކް ހުރީ ހިތްހަމަ ނުޖެހިފަ އެވެ. ފަހުން ކަރަން ވަނީ ކްރިކެޓް ވާހަކައެއްގެ މައްޗަށް ބިނާވެފައިވާ ފިލްމެއް ކާތިކަށް ދިނުމަށް ނިންމާފަ އެވެ. އަދި ކާތިކް ދިޔައީ ދޯސްތާނާގެ ޝޫޓިންގ އެކިއެކި ސަބަބުތަކާއެކު ލަސްކުރަމުންނެވެ.
ކަންތައް މިހެން ވެފައިވަނިކޮށް މައްސަލަ އިތުރަށް ގޯސްވީ ދޯސްތާނާގެ ޝޫޓިންގ ފަށާފައިވެސް ވަނިކޮށް ކާތިކް، ފިލްމު "ދަމާކާ"އަށް ސޮއިކޮށް އެފިލްމުގެ މަސައްކަތްތަތައް ކުރު މުއްދަތެއްގެ ތެރޭ ނިންމާލުމުންނެވެ. މިހާ ހިސާބުން އެތެރޭގެ ބައްދަލުވުމެއް ބާއްވައި، ވާހަކަ ދައްކަމުން ކާތިކް ބުނެފައިވަނީ އޭނާ ދޯސްތާނާގެ ޝޫޓިންގ އިތުރަށް ގެންދާނީ އޭނާއަށް ހުށަހަޅާ އާ ފިލްމުގައި ސޮއި ކުރެވުމުން ކަމަށެވެ.
މިއީ ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން ދީފައިވާ މައުލޫމާތު ތަކެކެވެ. މި ކަމާއި ގުޅިގެން ދަރްމާ ޕްރޮޑަކްޝަނުން ރަސްމީ ބަޔާނެއް ނެރެފައިނުވާއިރު މި ފިލްމު ދެން ކުޅޭނީ ކާކުކަމެއްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.