އާޒިމާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

އާޒިމާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2020 08:05
0

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުން މާދަމައަށް ޝެޑިއުލްކޮށްފި އެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ދައުލަތުން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓްގެ މައްސަލައިގަ އެވެ.

މިމައްސަލާގައި އާޒިމާގެ އިބްތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ޝެޑިއުލް ކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ. މިމައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގައެވެ.

އެދުވަހުގެ އަޑު އެހުމުގައި އާޒިމާވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އެތައްބަޔަކު ހިމެނޭ ކަމަކަށް ވާއިރު ހަމައެކަނި އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަ ނުވާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭނާގެ މައްޗަށްކުރާ ދެ ދައުވާގައިވެސް އޭނާ އާއި އެއް ހަމައެއްގައި އަމަލު ކޮށްފައިވާ އެއްވެސް މީހަކާ މިހާތަަނަށް އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި އަދި އެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއްވެސް ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ބެންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިި ނެރުނު ހުކުމުން އެނގެން އޮތް ކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ، އެކަންކަމަށް ބަލާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަނުވާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކަމަށް ދެކޭކަމަށެވެ. އަދި ގިނަ ބަޔަކު ހިމެނޭ ކަމެއްގައި ހަމައެކަނި އޭނާއަށް އަމާޒުކޮށް ދަޢުވާ އުފުލީ ކީއްވެތޯ އާޒިމާ ސުވާލު ކުރެއްވިއެވެ. މީގެ އިތުރުން ބެންކް އޮފް މޯލްޑިވްސްއިން ލިޔުމެއް ހޯދިކަމަށް ދައުލަތުން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވަމުން އާޒިމާ ވިދާޅުވީ އެލިޔުމަކީ ދަޢުލަތުގެ ފައިސާކަމަށް ބެލެވޭ ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަން ޔަގީން ކުރުމަށް ހޯދި ލިޔުމެއް ކަމަށާ، އެއީ އޭނާކުރި ކުށެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލައި ޝަރީއަތް ހިންގަމުންދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑްރިންގެ ކުށް ސާބިތުގެ 5 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފު ކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްްވި މައްސަލަ ވެސް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.