ޗެހެރޭގެ ޕޯސްޓަރާއި ޓްރެއިލާ އިން ރިއާ ނުފެންނަ ސަބަބު މިއޮތީ!

ޗެހެރޭގެ ޕޯސްޓަރާއި ޓްރެއިލާ އިން ރިއާ ނުފެންނަ ސަބަބު މިއޮތީ!

ސުޝާންތު ސިންގް ރާޖްޕުތުގެ މަރާގުޅިގެން ހިނގާދިޔަ ކަންތައްގަނޑުގެ ތެރެއިން ރިއާ ޗަކްރަބަތީ ތަހަންމަލްކުރި ކަންކަމަށްފަހު އޭނާ އެންމެ އަވަހަށް ފެނިގެން ދާނީ އަމީތާބް ބައްޗަންއާއި އިމްރާން ހާޝިމީ ގެ ފިލްމު "ޗެހެރޭ"އިންނެވެ.

އެހެންނަމަވެެސް މި ފިލްމުގެ ޕޯސްޓަރުތައް އަދި ޓްރެއިލާ އާންމު ކުރިއިރު ރިއާގެ ނަމެއް ފެންނާކަށް ނެތެވެ.

މިކަމާ ގުޅިގެން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މީގެކުރިން އެއްވެސް ސުވާލަކަށް ޖަވާބު ދީފައެއް ނުވެއެވެ. ނަމަވެސް މި ފިލްމުގެ އެންމެ ފަހުން ނެރުނު ޓްރެއިލާގެ އެންމެ ފަހު ވަގުތުގައި ރިއާވަނީ ފެނިގެން ގޮސްފަ އެވެ.

އިންޑިއަން އެކްސްޕްރެސްއާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރ އާނަންދް ޕަންޑިތު ބުނެފައިވަނީ ރިއާގެ ނަން ބޭނުން ނުކުރީ ރިއާގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން ބޭނުން ނުވާތީކަމަށެވެ. މިކަމުގެ ފަހަތުގައި އިތުރު އެއްވެސް ސަބަބެއް ނެތް ކަމަށާއި ރިއާއަކީ މި ފިލްމަށް ސޮއި ކުރި 8 ފަންނާނުންގެ ތެރެއިން އެކަކު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަދި ހަމައެހެންމެ ރިއާވަނީ މި ފިލްމުގައި އޭނާއަށް ހަވާލުކުރެވުނު ބައި އެންމެ ހިތްހަމަޖެހޭފެންވަރަށް ނިންމައިދީފައި ކަމަށް ވެސް އާނަންދް ވަނީ ބުނެފަ އެވެ.

އޭނާގެ ލޯބިވެރިޔާ ސުޝާންތު ސިންގް ރާޖްޕުތްގެ މަރުގެ މައްސަލައިގައި ރިއާ ހައްޔަރު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. އޭނާ ހައްޔަރުކުރީ ސުޝާންތަށް މަސްތުވާތެކެތި ގަތުމަށް އެހީވިކަމުގެ ތުހުމަތުގަ އެވެ.

ރިއާގެ ބޭބެވެސް ހަމަ މިފަދަ މައްސަލައެއްގައި ހައްޔަރު ކުރިއެވެ. އެހެންނަމަވެސް މިދެ ފަންނާނުން ވެސް މިހާރުވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. ސުޝާންތުގެ މަރަށްފަހު ބެލުންތެރިން ރިއާއާ ދޭތެރޭ ދެކޭގޮތް ވަނީ ބަދަލުވެފަ އެވެ. އަދި ހަމައެހެންމެ ސުޝާންތުގެ އާއިލާއިން ވެސް ވަނީ ސުޝާންތްގެ މަރުގެ ތުހުމަތު ރިއާއަށް ކޮށްފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ރިއާއާއި ބެހޭގޮތުން ވަނީ ތަފާތު ވާހަކަތަށް ދެކެވި ވަރަށް ގިނަ ފާޑު ކިއުތައް ރައްދުވެފަ އެވެ.

"ޗެހެރޭ" ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މި މަހުއެވެ. އެހެންނަަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ދެވަނަ ފަހަރަށް ތިއޭޓަރުތަކާއި ސިނަމާތައް ބަންދު ކުރުމާގުޅިގެން ފިލްމު އަޅުވާނެ ތާރީހު ވަނީ ފަސްކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *