ދަރަނީގެ ރިޕޯޓަށް ޝަރީފް ދޫނުދެއްވި، އީވާއާއި ނަޝީދު އެއްގަލަކަށް

ދަރަނީގެ ރިޕޯޓަށް ޝަރީފް ދޫނުދެއްވި، އީވާއާއި ނަޝީދު އެއްގަލަކަށް

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2020 04:17
0

ދައުލަތުގެ ދަރަނި 2012 އިން 2018 އަށް 172 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ދައުލަތުގެ ދަރަންޏާއި ގުޅޭ ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހޫނު ޒުވާބުތަކެއް ގޮސްފިއެވެ.

މަޖިލީހުގެ ޖަލްސާއަށް މި ރިޕޯޓް ހުށަހަޅައި އާންމުކުރުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މިއީ ކޮން މަޤްޞަދެއްގައި ހުށަހަޅައިގެން އުޅޭ ރިޕޯޓެއްތޯ ސުވާލު ކުރައްވަފައެވެ. އަދި މިއީ ދައުލަތުގެ ވެރިންނަށް އެއްޗެއްނޭގޭކަމަށް ދޭހަކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ހުށަހެޅިފައިވާ ރިޕޯޓެއްކަމަށެވެ.

އަޅުގަނޑަށް ވަރަށްބޮޑަށް އޮޅުންއަރާ ގޮތްވެއްޖެ، ފުރަތަމަ ކަމަކީ މަޖިލިސް އިދާރާއިންތޯ ދައުލަތުގެ ދަރަނި ނުދެއްކޭތޯ ދެއްކޭ ތޯ ކަނޑައަޅަނީ؟ ދިވެހިރާއްޖޭގެ އެންމެނަށްވެސް އެގޭ އިޤްތިޞާދީގޮތުން ވަރަށް ދަށްވެފަ އޮތް އަހަރެއްކަން މިއަހަރަކީ. މިހެން މިކަން އޮއްވާ އަޅުގަނޑުމެން ދައުލަތުގެ ފިނޭންސް މިނިސްޓްރީން ދައުލަތުގެ ކަންކުރާ ގޮތާއި ދޭތެރޭ ސުވާލު އުފައްދައި މިރާއްޖޭގަ ނަގާފައިވާ ދަރަނި ނުދެއްކޭނެކަމަށް އާންމު ފަރާތްތަކާއި ދުނިޔޭގެ ބައިނަލް އަގުވާމީ އިދާރާތަކަށް ދޭހަވާ ގޮތަކަށް މިތަނުން ވާހަކަ ދެކެވި މިކަން ހިގައްޖެނަމަ ދިވެހި ރައްޖޭގެ އިޤްތިޞާދު މުޅިން ބޮއްސުންލައިގެން ހިނގައިދާނެ.

– އިބްރާހިމް ޝަރީފް

ޝަރީފްގެ މިވާހަތަކާއިއެކު މަޖިލިސް ރައީސް ނަޝީދުވަނީ ޝަރީފް ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޝަރީފް ވަނީ ނަޝީދު ދެއްކެވި ވާހަކަތަކަށް ސަމާލުކަން ނުދެއްވައި ވަރަށްބޮޑަށް މަޖިލީހުގައި އަޑުގަދަ ކުރައްވާފައެވެ. މަޖިލިސް ރައީސް ވިދާޅުވީ މި ރިޕޯޓްގައިވާ މައުލޫމާތަކީ ތެދު މައުލޫމާތުތަކެއް ކަމަށެވެ. މިއީ ފިނޭންސް މިނިސްޓްރީންނާއި މާލީ އިދާރާތަކުން ދެއްވާފައިވާ މައުލޫމާތުތަކަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެއްކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުން މަސައްކަތް ކުރަނީ އެއްވެސް ވަރަކަށް ސަރުކާރު ގޯސްކޮށް ނުވަތަ ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށެވެ. މިކަމުގައި މަޤްސަދަކީ ދައުލަތް ދަރާފައިވާ ދަރަނީގެ ކަންކަން ސާފުކޮށް މިކަން ކުރެވޭނެ ގޮތެއް ސާފުކުރުން ކަމަށެވެ. އަދި ރައީސް ޞާލިހަށްވެސް ފިނޭނޭންސް މިނިސްޓަރަށްވެސް އެއްވެސް އެއްޗެއް ނޭގޭކަމަށް ނުދަންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މިވާތަކަށް ތާއީދުކޮށް އަދި ޝަރީފްގެ ވާހަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިމަސައްކަތަކީ ސަރުކާރާއި ސަރުކާރުގެ ވެރިންނާއިމެދު ޖައްސައި، ވަކި ނަތީޖާތަކެއް ހާސިލްކުރަން އުޅޭ ކަމެއްނޫންކަމަށެވެ. މިމަސައްކަތަކީ ފިނޭންސް މިނިސްޓްރީން ދެއްވި މައުލޫމާތާއިއެކު ޝަރީފް ހިމެނޭ މާލިއްޔަތު ކޮމިޓީގައިވެސް ހުރި ހިސާބުތައްކަމަށެވެ.

އިއްޒަތްތެރި ރައީސް މާލީ ވަޒީރު ވިދާޅުވެފަ އެބައޮތް މިވެނި ކޯޓާއެއްގައި ދައްކަންޖެހޭ ދިވެހިރާއްޖޭގެ އާމްދަނީ ކޯވިޑް ކަންތަކައި ގުޅިގެން 40 ޕަސެންޓް ތިރިއަށް ދާނޭކަމަށް. މިހުރިހާކަމެއް މާލީ ވަޒީރު ވިދާޅުވެފަ، ހަމަ ހާމަކުރައްވާ ރިޕޯޓެއްގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނިކޮށް ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މިތަނަށް ރިޕޯޓެއް ހުށަހެޅުއްވީތީ އެއީ އޮޅުވާލަން ވެގެން ބިރުދައްކަން ވެގެން ސިއްރުކުރަންވެގެން. މިކޮން ވާހަކައެއްތޯ.

– އީވާ އަބްދުﷲ

މަޖިލީހުގައި ދޮޅުގަޑިއިރަށް ކުރިއަށްދިޔަ މި ބަހުސްގައި މެމްބަރުންވަނީ ވަރަށް ބޮޑަށް މިކަމާއިމެދު ދެކޭ ގޮތް ހާމަކުރައްވާފައެވެ. މިއަދު މަޖިލީހުން ހާމަކުރި ރިޕޯޓުން 2012 އިން 2018 އަށް ދައުލަތުގެ ދަރަނި ވަނީ 72 ބިލިޔަނަށްވުރެ މައްޗަށް އަރާފައިވާކަމަށް ދައްކާފައެވެ. އަދި މިމުއްދަތުގައި ނަގާފައިވަ ދަރަނީގެ ތެރެއިން 3 ދަރަންޏެއް ފިޔަވައި ހުރިހާ ދަރަންޏެއް ނަގާފައިވަނީ މާލިއްޔަތު ނަގާވާއިދާއި އެއްގޮތަކަށް ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި ސަރުކާރުން މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާގެ ލޯނު ނެގި އެވެ. އަދި މި އަހަރުގެ މިހާތަނަށް ބަލާއިރު ވެސް ބޭރުގެ ގިނަ އިދާރާ ތަކުން ވަނީ ލޯނު ހޯދާފަ އެވެ. ދާދިފަހުން އިންޑިއާއިން ނެގި 250 ބިލިއަން ރުފިޔާ ވެސް ވާނީ ދަރަންޏަށެވެ. އެހެން މި އަހަރު ދަރަނި އިތުރަށް މަތިވުމުގެ ބިރު އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.