ރާއްޖޭގެ މާލީކަންކަން ބެލެހެއްޓުމުގެ ޒިންމާ އަވަށްޓެރި އިންޑިޔާއާއި ހަވާލުކޮށްފައިވާކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުން ދެން ރާއްޖެއަށް އިންވެސްޓް ކުރަން އައުމާއިމެދު ސުވާލު އުފެދިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތާއި ގުޅޭ ބިލަށް ވާހަކަ ދައްވަމުން ޝިޔާމް ވިދާޅުވީ މިބިލުގެ ބޭނުމެއް އަދި މަޤުސަދެއް އެގޭ އެމްޑީޕީ މެމްބަރެއްވެސް މަޖިލީހުގައި ނެތްކަމަށެވެ. މިއަދު ބިލްތަކަކީ ވިޔަފާރީގެ މުޢާމަލާތަކަށް ބަދަލުވެފައިވާ މާލީ ބޮޑު ވިޔަފާރިއެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ބިލަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިއަދު ރާއްޖޭގެ މާލީ ނިޒާމަށް ނުހަނުބޮޑު ގޮންޖެހުންތަކެއް ކުރިމަތިވަމުން ދާކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ މާލީ ކަންކަން ބެލެހެއްޓުން މިއަދު އަވަށްޓެރި އިންޑިޔާއާއި ހަވާލުކޮށްފައިވާކަމީ ފެންނަން އޮތް ހަގީގަތްކަމަށެވެ. މިއާއިއެކު ދުނިޔޭގެ އެހެން ޤައުމުތަކުން ރާއްޖެއަށް އިންވެސްޓް ކުރަން އައުމާއިމެދުވެސް ސުވާލު އުފެދޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދިވެސް މިފެންނަނީ ބިލްތައް ހަދައި ސިޔާސީ މަޤާމުތައް އުފައްދާތަން. ރައްޔިތުން ތިބީ ނުހަނު ދަތި ހާލުގަ. މިއަދު ރާއްޖޭގެ މާލީ އިންޓަލިޖަންސް، އެކުރަނީ އަވަށްޓެރި ޤައުމަކުން. ދެން ރާއްޖެއަށް ރަނަގަޅު އިންސްވެސްޓްމަންޓެއް އަންނާނެކަމަށް އުންމީދު ކަނަޑާލައިގެން އަޅުގަނޑުމެން މިތިބީ. މިއީ ދިވެހި ރައްޔިތުންގެ ކުރިމަގު މަރާލަން ރައީސް ޞާލިހު ކުރެއްވި ކަމެއް.
– އަހުމަދު ޝިޔާމް
ޝިޔާމް ވިދާޅުވީ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތާއި ގުޅޭ ބިލަކީ ރަނެއްމަލެއްފަދަ ބޭކާރު ޤާނޫނެއްކަމަށެވެ. މިއަދު ފެނިގެންދަނީ ދައުލަތް ހިންގަންނޭގި ބަޖެޓް އިންތިހާއަށް ޑެފިސިޓްވެ ދަރަނިވެރިވަމުންދާތަން ކަމަށެވެ. ދަރަނި ފޫބެއްދުމަށްޓަކައި ސަރުކާރުން މަނީލޯންޑާކޮށް، ކަޅުފައިސާ ގެނެސް ބަޖެޓް ފޫބެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދައުލަތުން ރައްޔިތުން ބިކަހާލުގައި ޖެއްސުމަށް ސަރުކާރުން ކުރަމުންދާ ވަރަށް ނުބައި އަމަލެއްކަމަށެވެ.
ހިތާމަކުރަން ނާޤާބިލް ސަރުކާރުން މާނީލޯންޑާކޮށް ކަޅުފައިސާއިން ބަޖެޓް ޑެފިސިޓް ފޫބައްދަންއުޅޭތީ. ބަޖެޓް ޑެފިސިޓް ފޫބެއްފުމަށްޓަކައި އުޅެނީ ކަޅުފައިސާ ބޭނުންކޮށްގެން. މިއީ ވަރަށް ހިތާމަހުރިކަމެއް. މިކަން އަޅުގަނޑުމެން ވަރަށްބޮޑަށް ކުށްވެރިކުރަން.
– އަހުމަދު ޝިޔާމް
ޝީޔާމްގެ ވާހަތަކާއި ގުޅިގެން މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ ގިނަ މެމްބަރުންވަނީ ނިޒާމީ ނުކުތާ ނަގައި ޝިޔާމްގެ ވާހަކަ ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޝިޔާމް ވަނީ ނެންގެވި ނިޒާމީ ނުކުތާތަކުން ބަހުސްއަށް ވަރަށްބޮޑު ފަސޭހައެއް ވެފައިވާކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ