އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ އަކި ބޮލީވުޑްގެ "އިޓް" ކަޕްލް އެވެ. މި ދެލޯބިވެރިންގެ ވާހަކަ އަބަދުވެސް ޚަބަރުތަކުގެ ފަލަ ސުރުހީ ތަކުން ފެނިގެން ދެއެވެ.
މިފަހަރު ވެސް ދުވަސްކޮޅަކަށްފަހު މަލައިކާ އާއި އަރުޖުންގެ ވާހަކަ މިވަނީ ފަލަ ސުރުހީއަށް އަރާފައެވެ. އެގޮތުން މިފަހަރު މިއީ މަލައިކާ އިންސްޓްގްރާމުގައި ހިއްސާ ކުރި ޕޯސްޓެއްގެ ސަބަބުންނެވެ.
މަލައިކާ އެންމެ ފަހުން އިންސްޓްގްރާމުގައި ހިއްސާ ކުރި ފޮޓޯއިން ބެލުންތެރިންގެ ލޮލުގައި އަޅައިގަތީ އޭނާގެ އަތުގައި އޮތް އަނގޮޓިއެވެ. މި ފޮޓޯއާއި އެކުގައި އުފެދިގެން އައި ސުވާލަކީ މި އަނގޮޓި އަކީ މަލައިކާ އާއި އަރުޖުންގެ އެންގޭޖްމަންޓް ރިންގް ތޯއެވެ. ތަންކޮޅެއް ކައިރިން ނަގާފައިވާ ފޮތޯއަކުން މި އަނގޮޓީގައި ވަނީ ފުދޭވަރަކަށްބޮޑު އެހެއްކަން ފާހަގަ ކުރެވެ އެވެ.
މި ފޮޓޯއަށް ވަރަށް ގިނަ ބެލުންތެރިންވަނީ ކޮމެންޓުކޮށްފަ އެވެ. މީގެ ތެރޭގައި އެކިއެކި ފަރާތްތަކުން ވަނީ މަލައިކާ އާއި އަރުޖުން އަށް މަރުހަބާ ކިޔާފަ އެވެ. ނަމަވެސް އެދެމީހުން އެންގޭޖްވީކަން އެއްވެސް ފަރާތަކުން މިހާތަނަށް ޔަގީންކޮށްދީފައެއް ނުވެއެވެ.
އަރުޖުން އާއި މަލައިކާ ރައްޓެހިވެގެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ދާދި ފަހުން މި ދެމީހުން ވަނީ އީސްޓާވެސް ފާހަގަ ކޮށްފައެވެ. މި ދެމީހުންގެ ލޯބީގެ ގުޅުން އޮފިޝަލް ކަން ބެލުންތެރިންނަށް ހާމަކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ.