ފިނޭންސް މިނިސްޓްރިން އެކުލަވާލާފައިވާ އުސޫލުތަކާއި ފާސްކޮށްފައިވާ މުސާރައާއި ޢިނާއަތްތަކުގެ ބޭރުން އިތުރަށް އައިލެންޑް އޭވިއޭޝަންގެ ސީނިއަރ މެނޭޖުމަންޓު ބޭފުޅުން ފައިސާ ނަގާފައިވާތީ އެކަމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާ މަޖިލީހަށް ފޮނުވުމަށް އަންގައިފިއެވެ.
އައިލެންޑް އޭވިއޭޝަން ސާރވިސްގެ ޙާލަތާއި ގުޅޭގޮތުން ސަރުކާރުގެ ހުށައެޅުމަށް ހަދާފައިވާ އޮޑިޓް ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ފާސްކޮށްފައިވާ ރިޕޯޓްގައި ވަނީ އައިލެންޑް އޭވިއޭޝަނުން އެއްފަހަރާ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާއިރު ގިނަ ޕްރޮމޯޝަން ތަކަކީ މަޤާމެއް ހުސްވުމުން އެމަޤާމަށް މުވައްޒަފުން ޕްރޮމޯޓް ކުރުމުގެ ބަދަލުގައި އުސޫލާއި ޚިލާފަށް ދީފައިވާ ޕްރޮމޯޝަންތަކެއް ކަަމަށެވެ.
އެގޮތުން ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ މުސާރަ 10،000 ރުފިޔާއާއި 25،000 އާއި ދެމެދުގެ އަަދަދުތަކުން ބޮޑުކޮށްފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ވެއެވެ. އެގޮތުން އެކުންފުނީގެ ކުންފުންޏަށް މުވައްޒަފުން އިތުރުކުރަމުން ގޮސްފައިވަނީ ކުންފުނީގެ އޮޕަރޭޝަން ފުޅާވަމުންދާ މިންވަރަށް ބަލައިގެންކަމަށް ނުބެލެވޭކަމާއި، ޖަނަވަރީ 2018 އާ އަޅާބަލާއިރު ޖޫން 2019 ގެ ނިޔަލަށް ކުންފުންޏަށް 169 (%15.7) މުވައްޒަފުން އިތުރުވެފައިވެފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ. އަދި 2018 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާ އަޅާބަލާއިރު 2019 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ ފްލައިޓް އޮޕަރޭޝަންގެ ޢަދަދު އިތުރުވެފައިވަނީ ހަމައެކަނި 19 ފްލައިޓް އޮޕަރޭޝަނުންކަމާއި، ކުންފުނީގެ ފްލައިޓްތަކުން އިތުރަށް ދަތުރުކޮށްފައިވަނީ 62 ފަސިންޖަރުންކަމަށްވެސް އައިލެންޑް އޭވިއޭޝަންގެ ހާލަތާއި ގުޅޭގޮތުން އެކުލަވާލާފައިވާ ރިޕޯޓްގައި ވެއެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމެއްނެތި ޑިޕާޓްމަންޓްތަކުގެ ވެރިންގެ މުސާރަ ބޮޑުކޮށްފައިވަނީ ޖެނުއަރީ 2019 ގައިކަމާއި، ފަހުން ކުންފުންޏާއި އެ މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، 27 ޖޫން 2019 އިން ފެށިގެން ބޮޑުކުރި މުސާރަ ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހުއްދަ ދެއްވާފައިވާކަމާއި، މިނިސްޓްރީގެ ހުއްދަ ހޯދުމެއްނެތި ބޮޑުކޮށްފައިވާ މުސާރަ އަނބުރާ ހޯދުމަށް މިނިސްޓްރީން އެކުންފުންޏަށް އަންގާފައިވާކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން މެނޭޖިންގ ޑިރެކްޓަރގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ 19 ޖޫން 2017 ގައިކަމާއި، އަދި މި ބަދަލު ގެނެސްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާފައިވާ އުޞޫލާ އެއްގޮތަށް މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މުސާރަ މުރާޖަޢާކުރުމަށް 18 ޖޫން 2010 ގައި އެ މިނިސްޓްރީއިން ފޮނުވި ސިޓީއާ ގުޅިގެންކަމަށް ބުނެފައިވެއެވެ.
- އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރައަށް ގެނެސްފައިވާ ބަދަލު:
އަސާސީ މުސާރަ : 53،600
ފައިނޭންޝަން ޕާރފޯމަންސް އެލަވަންސް : 15،000
މެނޭޖްމަންޓް ޕާރފޯމް އެލަވަންސް : 3،000
ބޯޑް އެލަވަންސް : 10،350
ޖުމްލަ ޢަދަދު :81،950
- އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މުސާރައަށް ގެނެސްފައިވާ ބަދަލު:
އަސާސީ މުސާރަ : 42،880
ފައިނޭންޝަން ޕާރފޯމަންސް އެލަވަންސް : 12،000
މެނޭޖްމަންޓް ޕާރފޯމް އެލަވަންސް : 2،400
ބޯޑް އެލަވަންސް : 10،350
ޖުމްލަ ޢަދަދު :67،630

ކުންފުންޏަށް ރަނގަޅުކުރުމަށް ކޮމިޓީން ލަފާދީފައިވާ ކަންކަމުގެ ތެރޭގައި ކުންފުނިން އެކި ވިޔަފާރުތަކުން ލިބޭ އާމްދަނީއަށް ބަލާއިރު، ވަކި ވަކި ސެކްޓަރތަކުން ލިބޭ އާމްދަނީ ވަކިން ރިކޯޑްކޮށް ބެލެހެއްޓުމަށް، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާފައިވާ އުޞޫލުތަކާއި، ފާސްކޮށްފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލެވެންސެއް ބޯޑު މެންބަރުންނާއި، ސީނިއަރ މެނޭޖުމަންޓްގެ ބޭފުޅުންނާއި، އަދި ކުންފުނީގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުން ހަމަޖައްސައި ނުނެގުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާފައިވާ އުޞޫލުތަކާއި، ފާސްކޮށްފައިވާ މުސާރައާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލެވެންސްއެއް ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ނަންގަވާފައިވާކަމަށް ފާހަގަކުރެވޭކަމަށާ، އިތުރަށް ނަންގަވާފައިވާ އެލަވަންސް ފައިސާއާ މެދު ޢަމަލުކުރާނެ ގޮތެއް
ކަނޑައަޅައި، އެކަމާ ގުޅޭގޮތުން ނިންމި ގޮތެއްގެ ތަފްޞީލު ކޮމިޓީއަށް ފޮނުއްވުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ