01 ފެބްރުއަރީ 2018 ވަނަ ދުވަހު ހިނގި ޙާދިޞާއާއި އަލިރަސްގެފާނު ޝަހީދުކޮށްލި ޙާދިޞާއާ މާބޮޑު ތަފާތެއްނެތް ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީދާއިރާގެ މެމްބަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވަނީ މާޒީގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ނަގާލުމަށް ހިންގުނު ހާދިސާތައް ހަނދާނަށް ގެނެސްފައެވެ. އަދި ޚާއްސަކޮށް ވެރިކަމުގެ ދަހިވެތިކަމުގައި އާއިލާގެ ތެރެއިންނާއި، އެކީގައި އުޅުއްވާ މީހުންގެ ރޭވުމާއިއެކު ވެރިކަންތައް ބަދަލުވެ، ހިނގައިދިޔަ ހާދިސާތަކަށް ވަނީ އަލި އަޅުވާލާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިނގަދިޔަ މިފަދަ ހާދިސާތަކަށް އިޝާރާތް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެމަނިކުފާނަށް އެތެރެއިންނާއި ބޭރުން ކުރިމަތިވި އެތައް ޕްރެޝަރާއި، ގޮންޖެހުންތަކާއިއެކު ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި ދެމެހެއްޓެވީ ނުހަނު ހިއްވަރާއި ސާބިތުކަމާއިއެކުގައިކަމަަށެވެ. ޚާއްސަކޮށް 1 ފެބްރުއަރީ 2018 ވަނަ ދުވަހު ހިންގަން މަސައްކަތް ކުރި ބަޣާވާތާއި، ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި ހިންގެވި ނުރައްކާތެރި ހަމަލާއަކީވެސް ރައީސް ޔާމީން އަވަހާރަކޮށްލުމަށްފަހު ވެރިކަމަށް އައުމަށް ކުރެވިދިޔަ ކަންތައްތަކެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
1 ފެބްރުއަރީގައި ހިނގައިދިޔަ ހާދިސާއަކީ 9 ވަނަ ހަސަން ރަސްގެފާނު ހިންގިފަދަ ހާދިސާއެއް. ހަސަން ރަސްގެފާނުވެސް ބޭބޭފުޅު އަވަހާރަކޮށްލުމަށްފަހު ވެރިކަމަށް އައީ. އެކެއް ފެބުއަރީ ގައިވެސް ރޭވިފައިވަނީ ހަމަ އެގޮތަށް އެކަން ކުރުމަށް. އޭރު އެހިނގި ކަންކަމާއި މިއަދު ހިނގާ ކަންކަމާއި މާބޮޑު ތަފާތެއްނެތް. މިއަދުވެސް ފެންނަނީ ވެރިކަމުގެ ދަހިވެތިކަމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެތަން.
– އާދަމް ޝަރީފް އުމަރު
އާދަމް ޝަރީފް ވިދާޅުވީ ޤާއުމަށް ދިމާވި އެކި ކަންތައްތަކާއި، ނުރައްކާތެރި އެތައް ހާދިސާތަކެއް ހިނގައިދިޔައިރު ރައީސް ޔާމީން އެޅުއްވި ފިޔަވަޅުތަކަކީ މިއަދު ސެލިއުޓް ކުރަންޖެހޭފަދަ ފިޔަވަޅުތަކެއްކަމަށެވެ. ކޮންމެ ހާދިސާއަކާއި އަދި ކޮންމެ ކަމަކާއި ގުޅިގެންވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވަނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއިއެކު މަސައްކަތް ކުރެއްވި މަންޒަރުކަމަށެވެ. މިއަދު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިމިވާ ގޮންޖެހުންތަކުން އަރައި ގަތުމަށް ވަރުގަދަ ލީޑަރެއް ބޭނުންވާކަމަށް އާދަމް ޝަރީފް ވިފާޅުވިއެވެ. އެކަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށްވެސް ޤައުމުގެ މިނިވަކަމާއި އިސްތިގުލާލު ގެއްލުނީ ދިވެހިންގެ ތެރެއިން މަދުބަޔަކު ކުރި މަސައްކަތުން. މިއަދު އަޒުމް ކަނޑައަޅަންވީ ގެއްލިފައިވާ ސިޔާދަތާއި މިނިވަންކަން ހޯދުމަށް. އެކަން ކުރުމަށް ވަރުގަދަ ލީޑަރެއް އެބަބޭނުންވޭ. މިޤައުމުގެ ސިޔާދަތާއި މިނިވަންކަން ހޯދޭނެ ހަމައެމަނި ލީޑަރަކީ ރައީސް ޔާމީން. މިއަދު ޔާމީން މިނިވަންކުރުމަށް ކުރެވުނު މަސައްކަތެއް ކުރަންޖެހޭ. ޤައުމުދެކެ ލޯބިވާ ކޮންމެ މީހަކު އަތާއަތު ގުޅާލައިގެން އަދި އެއްހަރުފަތައް ކުރިއަށް ޖައްސައިގެން މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެން މިކުރާ މަސައްކަތް ހުއްޓާލާނީ ޔާމީން މިނިވަންކުރުމަށްފަހު
– އާދަމް ޝަރީފް އުމަރު
އާދަމް ޝަރީފްވަނީ ޤައުމީ ދުވަހު ރައްޔިތުން އާ އަޒުމަކާއި އާ ޖޯޝަކާއިއެކު މަސައްކަތްފަށައި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ހޯދުމަށް އަލުން މަސައްކަޔް ފެށުމަށް ގޮވާލާފައެވެ. އެކަން ކުރެވޭނީ ހުރިހާ ރައްޔިތުން އެއްބައިވަންތަކަމާއިއެކު މަސައްކަތް ކޮށްގެންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.