ކޯވިޑް-19ގެ މިބަލިމަޑުގެ ދަނޑިވަޅުގައި ކުރީސަފުގައި މަސައްކަތް ކުރައްވާ ހުރިހާބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެންކަމަށް ވިދާޅުވެ އެމްއާރުއެމް އިން ޤައުމީ ދުވަހުގެ ތަހުނިޔާ ދަންނަވައިފިއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ދުވަހުގެ ތަޙުނިޔާ ދަންނަވާ ނެރެފައިވާ ބަޔާނުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ތަހްނިޔާ އާއި ހެޔޮ އެދުންތައް ފޮނުވާފައެވެ.
މިބަޔާނުގައި މިއަދު ދިވެހި ޤައުމު ފާހަގަ ކުރަމުން މިދަނީ ހިޖުރީ ގޮތުން މީގެ 359 އަހަރު ކުރިން 1 ރަބީޢުލް އައްވަލް 981 ވިލޭރޭ، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، އެ ރަދުންގެ އެކުވެރިންކޮޅަކާއިއެކު މާލެ އަރާވަޑައިގެން، އޭރު ރާއްޖެ އިސްތިއުމާރު ކޮށްގެން ތިބި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި، ފަތަހަ ހޯއްދެވި ތާރީޚީ ހާދިޘާކަން ފާހަގަކޮށް އެކަމުގެ ހަނދާން އައުކޮށްފައެވެ.
ޤައުމީ ދުވަސް މިފަހަރު ބައްދަލުކުރީ ނުރައްކާތެރި ކޯވިޑް-19 މުޅި ދުނިޔޭގައި ފެތުރިފައިވާ ދަނޑިވަޅެއްގައިކަމަށާއި، ކޯވިޑް-19ގެ ސަބަބުން ދިވެހިރާއްޖެ ވެސް މިވަނީ މި ވަބާ ތަޙައްމަލް ކުރަން ޖެހިފައިވާ ދަނޑިވަޅެއްގައިކަންވެސް އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ. މިވަބާއިން ރައްކާތެރިވުމަށްޓަކައި ދިވެހިން ދައްކުވައި ދެއްވާފައިވަނީ ޤައުމީ އެއްބައިވަންތަކަމެއްކަމަށާއި، ކުރީސަފުގައި މަސައްކަތް ކުރައްވާ ހުރިހާބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެންކަމަށްވެސް ބަޔާނުގައި ވެއެވެ.
ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ ޕޯޗުގީޒުންގެ އަޅުވެތި އަނިޔާވެރި އިސްތިއުމާރުން ދިވެހި ޤައުމަށް ނަސްރާއި ނަޞީބާއި ކާމިޔަބު ލިބުނު ޤައުމީ ތާރީޚީ ފަޚުރުވެރި ހަދިސާއަށެވެ. ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. މިއަދަކީ މި ހާދިސާއަށް ހިޖުރީގޮތުން 461 އަހަރު ފުރޭ ދުވަހެވެ.
ކޮމެންޓު ފޮނުވާ